ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 297 މީހަކު މަރުވެއްޖެ އެވެ. މިއީ މިހާތަނަށް އެޤައުމުން މި ބަލީގައި އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ބުނާގޮތުން، މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއެކު މިހާރު އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 6,946 އަށް އަރާފައެވެ.

އިންޑިއާއިން ފާއިތުވެދިޔަ ފަސް ދުވަހުގައި ވެސް އަންނަނީ މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންނެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހުވެސް އެޤައުމުން ކުރިން ކޮވިޑް-19 ޖެހިގެން މަރުވާ އަދަދަކަށް މީހުން މަރުވެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިންޑިއާގައި ބޮޑުވަމުން އަންނައިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެޤައުމުން ވަނީ އިތުރު 10,438 މީހަކަށް ކޮވިޑް-19 ޖެހިފައެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި އެޤައުމުން މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވި ފަހަރުވެސް މެއެވެ.

މިއާއެކު މިހާރު އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 246,622 އަށް އަރާފައެވެ.

އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު، މީގެ ކުރިން އެންމެ ނުރައްކާ ބޮޑު އެއް ޤައުމެއްގެ ގޮތުގައި އޮތް އިޓަލީއަށްވުރެވެސް ވަނީ އިތުރުވެފައެވެ. މިހާރު އިންޑިއާއަކީ މުޅި ދުނިޔެއިންވެސް ހަވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޤައުމެވެ.

ހަމަ އެހެންމެ ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ ފިޔަވައި، އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދަނީވެސް އިންޑިއާގައެވެ. އެޤައުމުގެ އިދާރާތަކުން ބުނާގޮތުން މިހާރު ކޮވިޑް-19 އަށް އެޤައުމުން ފަރުވާދޭ 120,981 މީހުންގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ.

އެންމެ ފުރަތަމަ އިންޑިއާއިން ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމުގައި މި ބަލީގެ ނުރައްކާ ބޮޑުވާން ފަށާފައި ވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެންނެވެ. އެއާއެކު އެޤައުމުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު