ކޮވިޑް-19 ޖެހިގެން މިއަދު މެކްސިކޯ އިން އިތުރު 895 މީހަކު މަރުވެއްޖެއެވެ. މެކްސިކޯ އިން އިތުރު 6258 މީހަކު މިއަދު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މެކްސިކޯ އިން މިއަދު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ފާއިތުވި ދެދުވަހާއި ބަލާއިރު އިތުރު ވެފައެވެ. އިއްޔެ މެކްސިކޯ އިން ކޮވިޑް-19 ޖެހިގެން މަރުވީ 480 މީހުންނެވެ. އޭގެ ކުރީ ދުވަހު މަރުވީ 273 މީހުންނެވެ. އިއްޔެ އަށް ވުރެ ގިނަ މީހުން މިއަދު މެކްސިކޯ އިން ކޮވިޑް-19 އަށް ފައްސިވެސް ވެފައި ވެއެވެ. އިއްޔެ އެގައުމުން ފައްސިވީ 4902 މީހުންނެވެ.

މެކްސިކޯ ސަރުކާރުން ވެސް ބުނާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ ގޮތުގައި ސަރުކާރުން އިއުލާން ކުރާ އަދަދަށް ވުރެ ހަޤީޤަތުގައި ބަލި ޖެހިފައިވާ މީހުންނާއި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރު ވާނެއެވެ.

މެކްސިކޯގެ ހެލްތު މިނިސްޓަރު ލޮޕޭޒް ގަޓެލް މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ޖޫން މަހުގެ 31 ވަނަ ދުވަހުން ފެށިގެން މެކްސިކޯގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅު ވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އުއްމީދު ކުރެވޭ ގޮތުގައި ކުރިއަށް އޮތް ދެހަފްތާ ދުވަސް ފަހުން މެކްސިކޯ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެން ދާނެއެވެ.

މެކްސިކޯ އިން މިހާތަނަށް 268,008 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭގެ ތެރެއިން 32,014 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު