ހއ. އަތޮޅު ދިއްދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 57 އަށް އަރައިފި އެވެ.
އެރަށުން އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނައެއް ފެނިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެެވެ. އެ ދުވަހު އެރަށުން ފައްސިވެފައި ވަނީ ބަލީގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހެކެވެ.
އޭގެ ފަހުން އެރަށުން ކޮވިޑަށް ފައްސިވަމުންދާ މީހުންނަކީ އެ މިހާއާ ގާތުންެ އެއްތާވި މީހުންނެވެ.
"ވަގުތު"އަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެރަށުން ފައްސިވި 57 މީހުންގެ ތެރެއިން 53 މީހުންނަކީ މިދިޔަ ހޮނިހިރު ދުވަހު ފައްސިވި މީހާއާ ގުޅުން ހުރި މީހުންނެވެ. އަދި ބާކީ ތިބި ހަތަރު މީހުންނަކީ ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު ނެގި ސުންކުތަކުން ފައްަސިވި މީހުންނެވެ.
އެރަށުން ފައްސިވަމުންދާ މީހުންނާއި ގުޅިގެން މިހާރު އެރަށުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ.