ގދ. ތިނަދޫން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 500 އިން މައްޗަށް އަރައިފިއެވެ.

މިއަދު އެރަށުން ވަނީ އިތުރު 18 މީހަކު ކޮވިޑަށް ފައްސިވެފައެވެ. މިއާއެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 511 އަށް އަރާފައެވެ.

ކޮވިޑާއި ގުޅިގެން ތިނަދޫ ބަންދު ކުރީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެރަށުން ކޮވިޑްގެ ވޭދަނަތައް ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފެންނަމުންނެވެ.

އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލް، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެރަށުގައި މިހާރު ބަލިޖެހިފައި ތިބި 223 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުން ދަނީ ކޮވިޑް ފެސިލިޓީގައެވެ.

އެރަށުގައި ކޮވިޑް ޖެހިގެން ފަރުވާދެމުންދިޔަ ދެ މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން އެކަކީ އެރަށަށް ނިސްބަތްވާ މީހެކެވެ.

ތިނަދޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، އެ އަތޮޅު ފިޔޯރީ، ފަރެސްމާތޮޑާ އަދި ގައްދޫގައި ބަލި ޖެހިފައި ތިބި މީހުން އެބަތިއްބެވެ. އެގޮތުން މިހާރު މުޅި ގދ. އަތޮޅުގައި ކޮވިޑް ޖެހިފައި ތިބި 307 މީހަކު ތިބިއިރު، މުޅި އަތޮޅުން 693 މީހަކު ކޮވިޑަށް ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު