އައްޑޫސިޓީން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދުގެ 18:00 އާއި ހަމައަށް އެސިޓީން ފައްސިވެފައިވާ ދެމީހުންނަކީ މަރަދޫން ފައްސިވެފައިވާ ދެމީހުންނެވެ.

މަރަދޫން އިތުރު ދެ މީހަކު ފައްސިވެ އައްޑޫން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 556 އަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު މި ބަލި ޖެހިފައި ތިބީ 60 ވަރަކަށް މީހުން ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައްޑޫސިޓީގެ ކޮވިޑް ހާލަތަށް ބަލާއިރު، ބަލީގެ އެންމެ ގިނަ ވޭދަނަތައް އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ބަލީގެ 30 އަށްވުރެ ގިނަ ވޭދަނަ އުޅޭ ކަމަށް އެސިޓީ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން 490 އަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާއިރު، މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.