ބޮލީވުޑް ސްޕާސްޓާރ ރާޖްނީކާންތު އާއި އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމް "2.0"ގެ ޓީޒާ އާންމުކޮށްފިއެވެ.

މިއީ އަކްޝޭ ސައުތު އިންޑިއަން ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

ތަމަޅައިގެ އިތުރުން ހިންދީބައި ވެސް އެކުލެވޭ "2.0" ގެ ހިންދީ ބައި ޑައިރެކްޓްކޮށްފައި ވަނީ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށް އާންމުންގެ ބޮޑު މަގުބޫލްކަމެއް ހޯދައިފައިވާ ކަރަން ޖޯހަރެވެ.

މި ފިލްމަކީ މީގެ ކުރިން ނިކުތް އަދި ރާޖްނީކާންތު ފެނިގެންދާ ފިލްމު "ރޮބޮޓް" ގެ ސީކުއަލްއެކެވެ.

ފިލްމުގެ ޓީޒާ އާންމުވުމާއެކު، ފިލްމު ބަލާލާހިތުން ކެތްމަދުވެފައިވާ ކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ޕޯސްޓްތައްވެސް ކޮށްފައެވެ.

 

ޖުމްލަ 450 ކުރޯޑްއަށް ވުރެ ބޮޑު ޚަރަދެއް ކޮށްގެން އުފައްދާފައިވާ މި ފިލްމަކީ މުޅި އިންޑިއާގެ ތާރީޚުގައި ވެސް އުފައްދާ އެންމެ އަގުބޮޑު ފިލްމަށް ވާނެ ކަމެއް ރިޕޯޓްތައް ބުނެއެވެ. އަދި މި ފިލްމަށް 13 ގައުމެއްގެ ބަހުން އަޑު އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

"2.0" ގައި އަކްޝޭ ފެނިގެންދާނީ ނުބައިބައި މީހެއްގެ ރޯލުންނެވެ.

ޑައިރެކްޓަރު ޝަންކަރް ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމު މީގެ ކުރިން މިދިޔަ އަހަރުތެރޭ ރިލީޒް ކުރަން ނިންމި ނަމަވެސް، އެތަކެއް ސަބަބު ތަކާއި ހެދީ ފިލްމު ރިލީޒް ކުރުން ވަނީ ލަސްކުރެވިފައެވެ. ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު