ޔުނިސެފްގެ އިންޑިއާ އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު އައްޔަންކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނިސެފުން އިންޑިއާއާ ގުޅިގެން މަސައްކަތްކުރާތާ 75 އަހަރު މިވަނީ ވެފައެވެ. އިންޑިއާގެ އެމްބެސެޑަރއަކަށް ކަރީނާ އައްޔަންކުރިކަން ޔުނިސެފުން ވަނީ ހާމަކޮށްފައެވެ. ކަރީނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން ޔުނިސެފާއި ގުޅިގެން ގިނަ ޕްރޮގްރާމްތައް ހިންގާފައެވެ. އެގޮތުން ކުޑަކުދިންނާއި އަންހެނުންނާ ގުޅުންހުރި ގިނަ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ކަރީނާ ވަނީ ޔުނިސެފާ ގުޅިގެން ހިންގާފައެވެ.

ކަރީނާ ބުނާގޮތުން މިއީ އޭނާއަށް ލިބުނު އިތުރު ޝަރަފެކެވެ. އަދި މިއީ ފާއިތުވީ 10 އަހަރު އޭނާ ކުރި ބުރަ މަސައްކަތުގެ އަގު ޔުނިސެފުން ވަޒަން ކުރިކަމުގެ ހެއްކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި މިހާރު އޭނާ އަދާކުރަންޖެހޭ ޒިންމާވެސް އިތުރަށް ބޮޑުވެއްޖެ ކަމަށް ކަރީނާ ވަނީ ބުނެފައެވެ. އަދި އެމްބެސެޑަރުކަމާ ހަވާލުވުމަށް ފަހު ވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ކުޑަކުދިންނަށް ފެންވަރު ރަނގަޅު ތައުލީމީ ފުރުސަތުތަކެއް ހަމަހަމަ އުސޫލެއްގެ ދަށުން ހޯދައިދިނުމަށާއި އެ ކުދިންނަށް ބޭނުންވާ ރަނގަޅު ސިއްހީ ޚިދުމަތްތައް ރައްކާތެރި ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އޭނާ ވަނީ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައެވެ.

ކަރީނާ އެމްބެސެޑަރުކަމުގެ މަގާމަށް އައްޔަންކުރިކަން އިއުލާނުކުރި ހަފުލާގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ޒުވާނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތު ކުރާނެ ޒުވާނުން ތަކެއް ޔުނިސެފުންވަނީ އައްޔަންކޮށް އިއުލާނުކޮށްފައެވެ. އުމުރުން 16 އަހަރާއި 24 އަހަރާ ދެމެދުގެ ހަތަރު ޒުވާނަކު މި މަޤާމަށް އައްޔަންކޮށްފައިވެއެވެ. މި ޒުވާނުން ވަކާލާތު ކުރާނީ ނަފުސާނީ ދުޅަހެޔޮކަމަށް އާއްމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މާހައުލަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަންނާނެ ގޮތްތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށެވެ.