އިންޑިއާގެ މީހަކު މުޅިން އަލަށް ގަތް ކާރު ރަނގަޅަށް ދުއްވަން ފެށުމުގެ ކުރިން ކޮންޓްރޯލުން ނައްޓައި، ފައްޅިއެއްގެ ތެރެޔަށް ވަދެ އެކްސިޑެންޓް ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޑިއާގެ ތަމިލްނާޑޫގައި މުޅިން އަލަށް ގަތް ކާރު ފައްޅިއެއްގެ ކުރިމަތީ ބާއްވައި އަޅުކަމެއްގެ ގޮތުގައި ކުރަންޖެހޭ ކަންތައް ކުރުމަށްފަހު ކާރުގައި މާފައްޗެއް އަޅުވައި ހެދިއެވެ. އަދި އޭގެ ފަހުން ކާރު ސްޓާޓްކޮށްލުމުން، އެ ކާރު ކޮންޓްރޯލް ނުވެ ފައްޅީގެ ތެރެޔަށް ވަނުމުން ކާރު ވަނީ ހަލާކުވެފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަ ގޮތުގައި ކާރު ސްޓާޓް ކުރުމުން ފައްޅީގެ ތެރެއަށް ވަދެގެން ދިޔައިރު ކާރުގެ ދޮރާއި ދިމާލަށް ބޭރުގައި މީހަކު އެލިގަނެގެން އޮތެވެ. ކާރު ފައްޅީގެ ތެރެއަށް ވަދެގެން ދިޔައީ އެމީހާއެކީގައެވެ. އެ ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން އެކަކު ވަނީ ކާރުގެ ފަހަތުން ދުވަމުން ފައްޅީގެ ތެރެއަށް ވަދެފައެވެ.

މި ވީޑިއޯ ދައުރުވާން ފެށުމުން ބައެއް މީހުން އެމީހާއަށް މަލާމާތްކޮށް ތަފާތު ރިއެކްޝަންތައް ދެމުންދިޔައިރު، އަނެއް ބަޔަކު ވަނީ އޭނާއަށް ހަމްދަރުދީ ފާޅުކޮށްފައެވެ. އަދި އަގުބޮޑުކޮށް ގަތް ކާރު ހަލާކުވުމުން އޭނާއަށް ލިބުނު ގެއްލުމާމެދު އެމީހުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. އެގޮތުން އެ ކާރު ސަލާމަތްކުރުމަށް އޭނަގެ ފުރާނަ ނުރައްކަލަށް ހުށަހެޅި ކަމަށް އެކަކު ބުނެފައިވާއިރު، އަނެކަކު ވަނީ ކާރު ފައްޅިއަށް ވަދެގެން ދިޔައީ ބުދުގެ ރުހުން ހޯދަން ކަމަށް ބުނެ ވަނީ މަލާމާތްކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. ނަމަވެސް ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަމީހާ

    ބުދު ތިކާރުދުއްވާހިތުން ދަމާތީނޫންތަ؟