އިންޑިއާގެ ތަމިލްނާޑޫގެ ސިވާކާސީ ކައިރީގައި ހުންނަ ބަޑިބޭސް އުފައްދާ ކާރުހާނާއެއްގައި އެެއްޗެއް ގޮވުމުގެ ސަބަބުން 8 މީހަކު މަރުވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ ފަސް އަންހެން މަސައްކަތްތެރިންނާއި ފިރިހެން ދެ މަސައްކަތްތެރިންނެވެ. އަދި އިތުރު 12 މީހަކު ފިހިފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ހާދިސާ ހިނގަން ދިމާވީ އުފެދުނު ކެމިކަލް ރިއެކްޝަންކުންނެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުން ވަރަށް ބައިވަރު ދުން އަރަމުން ދެއެވެ. އަދި ކުދިކުދި ގޮވުންތައް ގޮވަމުންދާއިރު ރެސްކިއު ޓީމުތަކުން ފަރުވާތެރިކަމާއެކު އެސަރަހައްދާއި ކައިރިވަމުން ދިޔަ މަންޒަރު ފެނެއެވެ. އަދި އެތަނުން ޒަހަމްވެފައިވާ މީހަކު އަތްގާޑިއާއަކަށް އަރުވައިގެން ގެންދާތަން ވެސް ފެނެއެވެ.

މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ބަޑިބޭހުގެ ކުޅިވަރު ތަކުގެ ސަބަބުން ވެރިރަށުގައި ގިނަ އަދަދެއްގެ ގޮވުންތައް ހިނގާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެކަނިވެސް ފުރަތަމަ ދެހަފްތާ ތެރޭގައި 27 މީހަކު މަރުވެފައިވެއެވެ. މިމަހު ވަނީ ހިލަ ހޮޅިއެއް ގޮވައިގެން ތިން މީހަކު މަރުވެފައެވެ.

ތަޖުރިބާކާރުން ބުނާގޮތުން އެކަން އެގޮތަށް ހިނގަންދިމާވާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެ މަސައްކަތް ކުރާ މީހުންނަށް އެކަމުގެ ހޭލުންތެރިކަން ކުޑަވެފައި އެކަމާއި ބެހޭ މައުލޫމާތު ލިބިފައި ނެތުމެވެ.

"ފެކްޓްރީތަކުގައި ގޮވުންތަކުގެ 99 ޕަސެންޓް ހިނގަނީ އިންސާނުންގެ ގޯހުން،" އަލިފާނުގެ ސަލާމަތީ މާހިރެއް ކަމަށްވާ ޑރ ވީ ސްރީރަމް ވިދާޅުވިއެވެ.

އޭނާ ބުނާ ގޮތުގައި ގޮވާތަކެތި ހެދުމަށް ބޭނުންވާ ކެމިކަލްތައް އެއްކުރުމުގެ ތެރޭގައި އެ ކެމިކަލްތައް ގޯސްކޮށް އެއްކޮށް ހެދުމަކީ އުސޫލުތަކާ ހިލާފު ކަމެކެވެ.

މިހާދިސާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު