ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި 217 ފަހަރު ކޮވިޑް ވެކްސިން ޖެހި މީހާއަށް، އޭގެ އެއްވެސް ސައިޑްއިފެކްޓެއް ނުވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޖަރުމަންގެ ރައްޔިތަކު 217 ފަހަރު ކޮވިޑް ވެކްސިން ޖެހީ ގަސްތުގައެވެ. އަދި އޭގެ އެއްވެސް ނޭދެވޭ އަސަރެއް އޭނާއަށް ނުކުރެއެވެ. އަދި އޭނާއަކީ ތާރީހުގައި ވެސް އެންމެ ގިނައިން ކޮވިޑް ވެކްސިން ޖެހި މީހާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖަރުމަނުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ މެގްޑެބާގްގެ އުމުރުން 62 އަހަރުގެ މީހާގެ ދިފާއީ ނިޒާމު ވަރަށް ވަރުގަދަ ކަމަށާއި އޭނާ އަދިވެސް ދަނީ މިކަހަލަ ދިރާސާތައް ކުރަމުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެހެންނަމަވެސް އޭނާ މިހުރިހާ ވެކްސިނެއް ޖަހާފައިވަނީ ސިއްޙީ މާހިރުންގެ ލަފަޔާ ދެކޮޅަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ދުނިޔޭގެ ސަމާލުކަން އޭނާއަށް ދަމައިގަނެވުނީ 90 ޑޯޒް ހަމަކުރި ފަހުން 2022 ގައެވެ. ބައެއް ރިޕޯޓްތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ އެހާ ގިނަ ވެކްސިން ޖަހަނީ ވެކްސިން ކާޑުތައް އެއްކުރުމަށެވެ. އެ ކާޑުތައް ފޯޖުކޮށް އޭނާ ދަނީ ވެކްސިން ޖަހަން ބޭނުން ނުވާ މީހުންނަށް ވިއްކަމުން ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ. އޭނާއާ ދެކޮޅަށް މައްސަލަ ޖެއްސި ޤާނޫނީ ވަކީލު ވަނީ ހެކިވެސް ހޯދާފައެވެ. އެގޮޮތުން ނުވަ މަސްދުވަހުގެ ތެރޭގައި 130 ވެކްސިން އޭނާ ޖަހާފައިވާކަމުގެ ހެކި ވަނީ ހޯދާފައެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ޤާނޫނީ ގޮތުން އަދި އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކަމަކު އޭނާ ބުނާގޮތުން 217 ޑޯޒުގެ ވެކްސިން އޭނާ ޖަހާފައިވަނީ 29 މަހުންނެވެ. އަދި އެއީ ތަފާތު އެކި ކޮވިޑް ވެކްސިން ކަމަށްވެސް އޭނާ ބުނެއެވެ.

ކޮވިޑް ވެކްސިން އެހާ ގިނައިން ބޭނުންކުރެވުނުއިރުވެސް އޭނާއަށް އެއްވެސް ސައިޑްއެފެކްޓެއް ނުވާ ކަމަށް ސައިންސްވެރިން ބުނާއިރު ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ބޭނުންކުރަމުންދާ ކޮވިޝީލްޑް ވެކްސިނުން ލޭ ގަނޑުވާ ކަމަށް އެ ވެކްސިން އުފެއްދި ކުންފުނި އެސްޓްރާޒެނިކާއިން ވަނީ އެއްބަސްވެފައެވެ. އަދި އިނގިރޭސިވިލާތުގައި 51 މީހަކު ވަނީ ކޮވިޝީލްޑް ޖަހައިގެން ލޭ ގަނޑުވި ކަމަށް ބުނެ އެސްޓްރާޒެނެކާއާ ދެކޮޅަށް ދައުވާކޮށް ބަދަލު ހޯދަން އެދިފައެވެ. އެގޮތުން 100 މިލިޔަން ޕައުންޑު (ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާ) ހޯދުމަށް މި މީހުން ވަނީ ދައުވާކޮށްފައެވެ.

އެހެންކަމުން ކޮވިޝީލްޑް ވެކްސިން ދުނިޔޭގެ އެކި ބާޒާރުތަކުން ނަގަން އެ ވެކްސިން އުފެއްދި އެސްޓްރާޒެނެކާ ކުންފުނިން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާ

    އޭނާ ހަދަނީ ދޮގުކަމަށް ބެލެވެނީ. އެއީ އޭނާ އެވަރަށް ވެކްސީން ޖެހިކަމަށް ވެރިފައިކިއްދޭނެ އެެއްވެސް ބަޔަކުނެތުމާއި އަދި އޭނާއެވަރަށް އެވެކްސީން ހޯދީ ކިހިނެތްކަން ނޭނގޭތީއެވެ.