ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިގާ ޖަސްޓިން ބީބާ ބައްޕައަކަށްވާން އުޅޭކަން އިއުލާންކޮށްފިއެވެ.

އެދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން ރޭ ވަނީ އިންސްޓާގްރާމް ޕޯސްޓެއް މެދުވެރިކޮށް ސަޕޯޓަރުންނަށް އަންގާފައެވެ. އެގޮތުން ދެމަފިރިންގެ ފޮޓޯޝޫޓެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއްގައި ހެއިލީ ބަލިވެއިންކަން ކަށަވަރުކޮށް ދީފައިވެއެވެ.

މިކަމާ ގުޅިގެން ބީބާ އާއި ހެއިލީގެ އާއިލާގެ އެކިއެކި މެންބަރުން އެކަމުގެ އުފާ ބައެއް މީޑިއާތަކާ ހިއްސާކޮށްފައިވާ އިރު، ބީބާގެ ވަރަށް ގިނަ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.

އުމުރުން 30 އަހަރުގެ ބީބާ، އާއި މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 27 އަހަރުގެ ހެއިލީ ކައިވެނިކުރީ 2018 ގައެވެ. ދެމަފިރިންނަށް ދަރިއެއް ލިބެން އުޅެނީ ދެ މީހުންގެ ކައިވެންޏަށް ހަ އަހަރު ވީ ފަހުންނެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރީން ވެސް ހެއިލީ ބަލިވެއިން ކަމަށް ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް، އެ ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.

ވޯގްއަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ހެއިލީ ބުނެފައިވަނީ ދެ މީހުން ދިމާވެފައިވަނީ ވަރަށް ޒުވާން އުމުރެއްގައި ކަމަށެވެ. ދެ މީހުން ދިމާވުމުގެ ކުރީން ހެއިލީއަކީ ޖަސްޓިންގެ ވަރަށް ބޮޑު ފޭނެކެވެ.

ހެއިލީއާ ކައިވެނި ކުރުމުގެ ކުރިން މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒާ ވެސް ބީބާ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވިއެވެ. މިހާތަނަށް ޖުމްލަ ހަ އަލްބަމް ނެރެފައިވާ ބީބާގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "ޖަސްޓިސް" އެވެ. ބީބާ އޭނާގެ ކެރިއަރުގައި 150 މިލިއަނަށް ވުރެ ގިނަ ރެކޯޑު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކައިފައެވެ. އޭނާ ވެފައިވަނީ ދުނިޔޭގެ އެންމެ ގިނަ ލަވަ ރިކޯރޑިންގްސް ވިއްކި އެކަކަށެވެ.

ކިޔުންތެރިންގެ ހިޔާލު