އިންޑިއާގެ ކަރުނާޓަކާގައި އެންގޭޖް ކުރަން އުޅުނު އަންހެން ކުއްޖާގެ ބޯ ބުރިކޮށް، ބޯ ބުރި ހިފައިގެން ފިރިހެން މީހާ ފިލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަރުނާޓަކާގެ އަވަށެއްގައި މަރާލި އަންހެން ކުއްޖާއަކީ އެންމެ 16 އަހަރުގެ ކުޑަ ކުއްޖެކެވެ. އެ ކުއްޖާއާ އެންގޭޖުކުރަން އުޅެނިކޮށް ފުލުހުންނާ ކަމާބެހޭ ފަރާތްތަކުން ވަނީ އެކަން ހުއްޓުވައިފައެވެ. އަދި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާ ކައިވެނި ނުކުރެވޭނެ ކަމަށް ބުނުމުން، އެންގޭޖް ކުރަން އުޅުނު 32 އަހަރުގެ ޕްރަކާޝް ވަނީ އަންހެން ކުއްޖާގެ ކަރު ބުރިކޮށްލާފައެވެ. އަދި އަންހެން ކުއްޖާގެ ބޯ ބުރި ހިފައިގެން ޕްރަކާޝް ވަނީ ފިލައިފައެވެ.

އެ ފިރިހެން ހޯދުމުގެ މަސައްކަތް އިންޑިއާ ފުލުހުން މިހާރު ވަނީ ފަށައިފައެވެ.

އުމުރުން 16 އަހަރުގެ މީނާ ގްރޭޑް 10 ނިންމަން އެންމެ ފަހު ޓެސްޓު އޮތީ އިއްޔެގައެވެ. ކިޔަވާ ނިމުނުތަނާހެން އާއިލާއިން އޭނަގެ ކައިވެނި ޕްރަކާޝްއާ ކުރުވަން ވަނީ ތައްޔާރުކޮށްފައެވެ. ނަމަވެސް ގަވާއިދާ ހިލާފަށް ކުރި މި ކަމުގެ ވާހަކަ ކޮންމެވެސް މީހަކު ޗައިލްޑް ވެލްފެއާ ޑިޕާޓްމަންޓަށް ވަނީ އަންގާފައެވެ. އޮފިޝަލުން އެތަނަށް ގޮސް އާއިލާތަކަށް އަންގާފައި ވަނީ އަންހެން ކުއްޖާއަކީ ކުޑަ ކުއްޖެއް ކަމުން ގާނޫނުތަކުގެ ދަށުން އޭނާގެ ކައިވެނި އަދި ނުކުރެވޭނެ ކަމަށެވެ. އަދި އެ އާއިލާއަށް ކައުންސެލް ދިނުމަށް ފަހު، އެ ރަސްމިއްޔާތު ކެންސަލްކޮށް، މީނާ އަށް 18 އަހަރު ފުރުމަށް ފަހު ކައިވެނި ފަސް ކުރަން އެއްބަސްވިއެވެ.

ނަމަވެސް ޕްރަކާޝް އެކަމާ އެއްބަހެއް ނުވިއެވެ. އެންގޭޖްމަންޓު ކެންސަލް ކުރިތާ ގަޑިއިރެއް ފަހުން ޕަރަކާޝް ވަނީ މީނާގެ ގެޔަށް ގޮސް އޭނަގެ މައިންބަފައިންނަށްވެސް ހަމަލާދީ މީނާ ދަމާފައި ގެއިން ބޭރަށް ނެރެ ކަރު ބުރިކޮށްލައިފައެވެ. މީނާ މަރާލާފައިވާއިރު އޭނާގެ މަންމަ އާއި ބައްޕައަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާދިސާ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ދަނީ މިމައްސަލަ މިހާރު ބަލަމުންނެވެ.