ކެނެޑާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޑްރޭކްގެ ޓޮރޮންޓޯގައި ހުންނަ ގެއަށް ވަންނަން މީހަކު މަސައްކަތް ކޮށްފައި ވަނީ، އެ ތަނުގެ ސެކިއުރިޓީ ގާޑަކަށް އަމާޒުކޮށް ބަޑި ޖެހިތާ އެއް ދުވަސް ފަހުން ކަމަށް ދަ ގާޑިއަން އިން ބުނެފިއެވެ.

އެ ގެއަށް މީހަކު ވަންނަން އުޅުނު ކަމުގެ މައުލޫމާތު ލިބުމާ އެކު ފުލުހުން ވަނީ އެ ގެއަށް ހާޒިރުވެފައެވެ. އިތުރު ބޮޑު ހަމަނުޖެހުމެއް ނުހިނގާ އެ މީހާ ހައްޔަރުކޮށްފައިވާ އިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ އަންގާރަ ދުވަހުގެ ފަތިހު ހިނގި ސީރިއަސް ބަޑީގެ ހަމަލާއަކަށް ފަހުގައެވެ. ޑްރޭކްގެ ގޭގައި މަސައްކަތް ކުރާ ސެކިއުރިޓީ ގާޑަކަށް ނުރައްކާތެރި އަނިޔާތަކެއް ލިބިފައި ވަނީ ވެހިކަލެއްގައި ދިޔަ ބަޔަކު ދިން ހަމަަލާއަކާއި ގުޅިގެން ކަމަށް ވެއެވެ.

މި ދެ ހާދިސާވެސް ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުން އަންނަ އިރު، އެ ދެ ހާދިސާއާ އެއްވެސް ގުޅުމެއް އޮތްތޯ ނުވަތަ ނެތްތޯ އަދި ހޯދިފައެް ނުވެއެވެ.

ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ރެޕް ލަަވަކިޔުންތެރިޔާ ކޭންޑްރިކް ލަމާރާއި ޑްރޭކާއި ދެމެދުގެ މިހާރު ހިނގަމުންދާ ކޯޅުމަކީ މީގެ ސަބަބެއް ކަމަށް ނުބެލެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

މި ދެ ހާދިސާ ހިނގިއިރު ވެސް ޑްރޭކް މެންޝަންގައި ހުރިކަން އަދި ސާފެއް ނުވެއެވެ.

ޓޮރޮންޓޯ ގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ މީހުންގެ ސަމާލުކަމަށް އައިސްފައި ވަނީ އެ ތަނަށް މީހަކު ވަންނަން އުޅުމުން ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ތަފްސީލްކޮށް ބުނެފައިވަނީ އެމީހާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށާއި، އޭނާއަށް ފަރުވާ ދެމުންދާ ކަމަށެވެ.

ޑްރޭކް އަމިއްލައަށް އޭނާގެ މިއުޒިކާއި ސޯޝަލް މީޑިއާގައި "ދަ އެމްބަސީ" ގެ ނަމުން ނަން ދީފައިވާ އޭނާގެ ޓޮރޮންޓޯ ގެއަށް ވަރަށް ގިނައިން އިޝާރާތް ކުރާކަން ފާހަގަކޮށްލެވެއެވެ.

ސަލާމަތީ ކަންބޮޑުވުންތައް ބޮޑުވެ، އެ މެންޝަންގެ ގޭޓުތައް ހުންނަނީ ޓޮރޮންޓޯ ސިޓީގެ ގަވައިދުތަކުން ހުއްދަ ދީފައިވާ އުސްމިނަށް ވުރެ ދެގުނަ މަތީގައެވެ.