ރާއްޖޭގައި މިހާރު ޓްރެންޑަކަށްވެފައިވާ "ތެޅި އަނބު" އަށް ހާއްސަ ލަވައެއް މީސްމީޑިއާ އަށް ދޫކޮށްލައިފިއެވެ.

ތެޅި އަނބުގެ ޓްރެންޑު މުޅި މީސްމީޑިއާގައި ދައުރުވަމުންދާއިރު އެފަދަ ވީޑިއޯތަކަށް ގިނަ ބައެއްގެ މެދުގައި ވަނީ މަގްބޫލުކަން ހޯދައިައެވެ. އެންމެ ފަހުން މިކަމަށް ހާއްސަކޮށް ލަވައެއް މިވަނީ ނެރެފައެވެ.

"ތެޅި އަނބު މޫސުމީ ލަވަ"އިގެ ނަމުގައި ނެރުނު މިލަވައިގެ ޅެން ހަދާފައިވަނީ ޒިދާން މުހައްމަދުއެވެ. ނާއިމް އަލީގެ އަޑުން ގެނެސްދީފައިވާ މިލަވައިގައި އަނބު ތަޅާނެ ގޮޮތް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ. އެގޮތުން އަނބު ބިނދެގެން ކޮތަޅަކަށް އަޅައި ލޮނުކޮޅަކާއި ތެޅި މިރުސް އަޅައި، އަނބުތަކުގައި ޅިޔައަޅައި އޭގައި މިރުސްގަނޑު ހޭކޭ ވަރަށް ތެޅުމަށް ވަނީ ބުނެފައެވެ.

ތެޅި އަނބުގެ ވީޑިޔޯތަކެކޭ އެއްގޮތަށް މި ލަވަވެސް މީސްމީޑިޔާއަށް ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް ވީޑިއޯ ވަނީ ވައިރަލްވެފައެވެ.

މިހާރަކަށް އައިސް ޓިކްޓޮކް ބަލާލިޔަސް ފޭސްބުކް ބަލާލިޔަސް އަދި އެހެން މީޑިއާތަކުންވެސް މުޅިންވެސް ފެންނަމުންދަނީ ތެޅި އަނބުގެ ވާހަކައެވެ. ރައްޓެހިން ބައްދަލުކޮށްލިޔަސް ނުވަތަ އާއިލާ މެންބަރުން ހަވީރު ދަޅައަށް ހިނގާލަން ނުކުތަސް ތެޅި އަނބުގެ މަޖާގަނޑެއް ކައި ނުލަންޏާ ދުވަސް ފުރިހަމައެއް ނުވެއެވެ. މިފަހަރު އަނބު މޫސުގައި ތެޅި އަނބު ވަރެއް ނެތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ތަފާތު އެކި ގޮތް ގޮތަށް އަދި މުވައްސަސާތަކުގެ މުވައްޒަފުންގެ މެދުގައިވެސް މިއީ ވަރަށް މަޤުބޫލު ޓްރެންޑެކެވެ. އެގޮތުން ބައެއް މީހުން އަނބު ކޮތަޅުތައް ގޯންޏަކަށް ލައިގެން ވާފަށެއް ޖަހައިގެން ސައިކަލުގައި މުޅި ރަށު އެ ގޯނި ދަމަމުން ދުއްވާ ހަދާއިރު ބައެއް މީހުން އަނބު ކޮތަޅުތައް ފާރުގައި ތަޅައެވެ. އެންމެ ފަހުން ރާއްޖޭގައި އުޅޭ ބިނދޭސީންގެ މެދުގައިވެސް ތެޅި އަނބުގެ ޓްރެންޑު މިވަނީ މަޖާ ކަމަކަށް ވެފައެވެ.

ތެޅި އަނބު ރާއްޖެއަށް މަޝްހޫރުވުމުގެ ކުރިން މިއީ އަވަށްޓެރި ގައުމުތަކުގައި ކުރަމުން އައި ކަމެކެވެ. އެގޮތުން އަވަށްޓެރި އިންޑިއާ އާއި އިންޑޮނޭޝިއާ ތައިލޭންޑް، ސްރީލަންކާ ގައި "ތެޅި އަނބު" ކައި އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު