2016 ވަނަ އަހަރު ނިކުތް ޑައިރެކްޓަރު ޝަކުން ބަޓްރާގެ ފިލްމު "ކަޕޫރް އެންޑް ސަން" ނުކުޅުމަށް އެކްޓްރެސް އާލިއާ ބަޓް ގާތު އޭނާ އާއި ހާއްސަ ގުޅުމެއް އޮންނަ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނި ސަބަބު އާލިއާ ހާމަކޮށްފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާލިއާ އެކަމުގެ ފަހަތުގައިވާ ސަބަބު ހާމަކުރަމުން ބުނީ އެއީ ކަރަން އޭނާއާއި މެދު ވިސްނާތީ ކަމަށާއި އެ ފިލްމުގައި އާލިއާއަށް ރަނގަޅު ރޯލެއް އިންނަ ކަމަށް ކަރަން ނުދެކޭތީ ބުނި ވާހަކައެއް ކަމަށެވެ.

"ކަރަން ބުނީ އެ ފިލްމު ނުކުޅޭށޭ. އެ ފިލްމުގައި އަހަރެންނަށް އެކަށޭނަ ރަނގަޅު ރޯލެއް އިންނަ ކަމަށް ކަރަން ނުދެކޭ ކަމަށްވެސް އޭނަ ބުނި. އެކަމަކު އަހަރެން ބުނީ އަހަރެން އެ ފިލްމު ކުޅެން ބޭނުމޭ. އަސްލު އެކަމަކު ކަރަން އެހެން ބުނީ ހަމަ އަހަރެންނާ މެދު ވިސްނާތީ. އަހަރެންނަށް ރަނގަޅު ގޮތް އެދޭތީ. އެއީ އަބަދުވެސް ވަރަށް ޕްރޮޓެކްޓިވް މީހެއް ވީމަ" އާލިއާ ބުންޏެވެ.

"ފަހުން ކަރަން ބުނި އޭނާއަށް ވިސްނުނީ ރަނގަޅަކަށް ނޫނޭ. އެ ފިލްމުން އަހަރެންނަށް ގިނަ ބައެއްގެ ތައުރީފް ލިބުމުން އުފާވާ ވާހަކަވެސް އޭނާ ބުނި" އާލިއާ އިތުރަށް ބުނެފައިވެއެވެ.

އާލިއާގެ އިތުރުން ރިޝީ ކަޕޫރާއި ފަވާދު ޚާނާއި ސިދާތު މަޅޯޓްރާ ވެސް ފެނިގެންދާ "ކަޕޫރް އެންޑް ސަން" އަކީ ރޮމެންޓިކް އެކަމަކު އާއިލާއެއްގެ ތެރޭގައި ހިނގާދާ މަޖާ ކަންތައްތަކެއްވެސް ދައްކުވައިދޭ ހިތްގައިމު ފިލްމެކެވެ. މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއްވެސް ލިބިފައިވާއިރު، އެތަކެއް އެވޯޑެއް ވެސް މި ފިލްމަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޭވެރިކަން

    އޭ މަޅޯޓްރާ ނޫނޭ... *މަލްހޯތްރާ އޭ..