ކުޅަދާނަ ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފިއެވެ.

ނިކީ މިނާޖް ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ އެއާޕޯޓުންނެވެ. ޑަޗް ފުލުހުން ބުނެފައިވާ ގޮތުގައި ނިކީ މިނާޖް ހައްޔަރުކުރީ ޑްރަގް އެތެރެ ކުރުމަށް މަސައްކަތް ކުރާ ކަމަށް ޝައްކުވެގެންނެއެވެ.

ނިކީ މިނާޖް ވަނީ ޖޫރިމަނާ ކުރުމަށް ފަހުގައި ހައްޔަރުން ދޫކޮށްލާފައި ކަމަށް ވެސް ޑަޗް ފުލުހުންނާިއ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އެއާޕޯޓުން ނިކީ މިނާޖް ހައްޔަރުކުރީ އޭނާގެ ކޮންސެޓަށް މެންޗެސްޓާ އަށް ދަތުރުކުރުގެ މަގުމަތީގައެވެ. ނިކީއަށް އެ ކޮންސެޓަށް ނުދެވުމުން 20،000 އަށްވުރެ ގިނަ ސަޕޯޓަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެ ކޮންސެޓް މިހާރު ވަނީ ފަސްކޮށްފައެވެ.

އޮނިކާ ތަންޔާ މަރާޖް-ޕެޓީ ގެ ޢާންމު ނަމަކީ ނިކީ މިނާޖު އެވެ. އެމެރިކާއަށް ނިސްބަތްވާ އެ އާޓިސްޓަކީ ލަވަކިއުމުގެ އިތުރުން ލަވަ ލިއުމާއި އެކްޓު ކުރުމާއި މޮޑެލް ކުރުމުގެ ދާއިރާގައިވެސް ފާހަގަ ކޮށްލެވޭ ތަރިއެކެވެ. އޭނާ އުފަންވެފައި ވަނީ 1982 ވަނަ އަހަރުގެ ޑިސެމްބަރު އަށް ވަނަ ދުވަހުގައި އެވެ.