މަޝްހޫރް ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ އޮފިޝަލް ޓްރެއިލާ، ފައިނަލް ޕޯސްޓާރ އަދި އޮފިޝަލް ލަވަ އާންމު ކޮށްފިއެވެ.

ފިލްމުގެ ޓްރެއިލާ، ފައިނަލް ލަވަ އަދި ޕޯސްޓާ އާންމުކޮށްފައިވަނީ ރޭ ބަނޑޮސް އައިލެންޑް ރިސޯޓްގައި އޮތް "ކާޓެން ރެއިސަރ" އިވެންޓްގައެވެ.

ގިނަ ފިލްމީ ތަރިންތަކެއްވެސް ރޭގެ ހަފްލާގައި ބައިވެރިވެފައިވާއިރު، ހަފްލާގެ ތެރެއިން ނިއުމާގެ ފިލްމީ ކެރިޔަރަށް 24 އަހަރު ފުރުންވެސް ވަނީ ފާހަގަ ކޮށްފައެވެ.

https://www.facebook.com/Nivairoalhi/videos/553815901720179/

މޯލްޑިވިއަން އައިޑަލް އިން ބޮޑު މަޝްހޫރް ކަމެއް ހޯދި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ލައިވް ޕާފޯމެންސް ތަކެއްވެސް ރޭގެ ހަފްލާގައި ފެނިގެންގޮސްފައިވާއިރު، "ނިވައިރޯޅި" ގެ ޓްރެއިލާ އަދި ޕޯސްޓަރު ލޯންޗްކޮށްދީފައިވަނީ މި ފިލްމުގެ އޮފިޝަލް މޭކަޕް ޕާޓްނަރު "ނޯޓް ކޮސްމެޓިކްސް" ގެ ރާއްޖޭގެ މާކެޓިން މެނޭޖަރު އަހްމަދު ޝިޔާމެވެ.

ބޮޑު ކާސްޓަކާއިއެކު ނިއުމާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއިން ފެނިގެންދަނީ ގެވެށި އަނިޔާ ފަދަ އަނިޔާއެއް ތަހައްމަލު ކުރަމުންދާ އަންހެން ކުއްޖެކެވެ. އަދި އެކަނިވެރިކަން ތަހައްމަލު ކުރުމާއި އަނިޔާ ފަދަ ކަންކަން ލިބޭ މި ކުއްޖާއަށް ދިމާވާ ތަފާތު އެތައް ކަމެއް މި ޓްރެއިލާއިން ފެނެއެވެ. ގައިމުވެސް މިއީ ފިލްމު އާދަޔާ ޚިލާފުވެފައި ތަފާތު ވާނެ ކަމުގެ ސިގްނަލެކެވެ.

"ވަގުތު" އާ ވާހަކަ ދައްކަމުން ނިއުމާ ބުނެފައިވަނީ އޭނާގެ ފިލްމީ ދާއިރާގެ އެންމެ ފަހު މަސައްކަތް ކަމުގައިވާ މި ފިލްމަކީ ބެލުންތެރިންނަށް ދޫކޮށްލާ ހަދިޔާއެއް ކަމަށެވެ.

"މި ފިލްމު މިއީ އަސްލު ހުރިހާ ފޭންސް އަށް ކޮށްލާ ހަދިޔާއެއް. އެހެންވެ އެންމެންނަށްވެސް ކަމުދާނެ ކަމަށް އުންމީދު ކުރަނީ" ނިއުމާ ބުންޏެވެ.

ނިވައިރޯޅި" ގެ ސްކްރިޕްޓް ލިޔެ އަދި ފިލްމު ޑައިރެކްޓްވެސް ކޮށްފައިވަނީ އެތަކެއް ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ މަޝްހޫރް ޑައިރެކްޓަރު މޫމިން ފުއާދެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، އަހްމަދު އަޒްމީން (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އައިމިނަތު އިޝާލް ރަޝީދު، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު ، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަދި ނިއުމާ މުހައްމަދެވެ.

މާލޭގެ އިތުރުން ރ.އިނގުރައިދޫގައި ޝޫޓް ކޮށްފައިވާ މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު