ލީޑު ރޯލުން އަކްޝޭ ކުމާރު ފެނިގެންދާ ފިލްމު "ޕެޑްމޭން" އަށްވެސް ޤާނޫނީ މައްސަލަތަކެއް ކުރިމަތިވެފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އިންޑިޔާގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ "އިންޑިޔާ ޓައިމްސް" އިން އިއްޔެ ބުނެފައިވާގޮތުގައި، އެހެން މީހަކު ލިޔެފައިވާ ސްކްރިޕްޓެއްގައި ހިމެނޭ ބައިތަކެއް، ވަގަށް ނަގައިގެން، ޕެޑްމޭންގައި ބޭނުންކުރިކަމުގެ ތުހުމަތުވަނީ ކުރެވިފައެވެ.

އެނޫހުން އިތުރަށް ބުނެފައިވާގޮތުގައި، ތުހުމަތުތައް ކުރެވިފައިވަނީ، ޚަރަދު ކުޑަ ޕެޑު އުފެއްދި މީހާގެ މައްޗަށް ބިނާކޮށް އުފެއްދި އެހެން ފިލްމެއްގެ ސްކްރިޕްޓް ލިޔުނު މީހާ، އެހެން ބުނުމުންނެވެ. ރިޕޫ ޑަމަން ނަމަކަށް ކިޔާ މި މީހާ އެހެން ބުނެފައިވާއިރު، މައްސަލަވެސް މިހާރުވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

"އެއް އަހަރާއި ބައިގެ ކުރިން އަހަރެން ވާނީ އަރުނާޝަލަމް މުރުގަންތަލަމްގެ މަސައްކަތްތައް އަދި ސާތީ ބަޔޯ ޑީގްރޭޑަބަލް ޕެޑާ ބެހޭ ފިލްމެއް ލިޔެ ރަޖިސްޓްރީ ކޮށްފައި...." ރިޕޫ ބުނެފައިވެއެވެ.

އޭނާ އެހެން ބުނެފައިވީކަމުގައިވިޔަސް، މިކަމާ ގުޅިގެން އަދި އެއްވެސް ފިޔަވަޅެއް އެޅި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އިންޑިޔާގެ ރަށްފުށު ސަރަޙައްދުތަކުގައި ދިރިއުޅޭ އަންހެނުންނަށް މައްސަރަ ކަންތައްތައް ދިމާވުމުން ކުރިމަތިވާ ދަތިތަކަށް ނިމުމެއް ގެނެސްދިނުމަށް ފެޑް އުފެއްދި މީހާއާ ބެހޭގޮތުން އުފައްދާފައިވާ މި ފިލްމަށް ދަނީ ބޮޑު ތަރުޙީބެއް ލިބެމުންނެވެ.

އެހެން މީހެއްގެ މަސައްކަތްތަކެއް، އެމީހެއްގެ ހުއްދައާ ނުލައި ބޭނުންކުރުމަކީ ނުވަތަ ނަހަމަ ގޮތުގައި ފިކުރީ މުދަލެއް ބޭނުންކުރުމަކީ އިންޑިޔާ އާއި އެހެން ގިނަ ޤައުމުތަކުގައިވެސް ވަރަށް ބޮޑަށް މަނާކޮށްފައި އޮންނަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު