މަދުން ނޫނީ ނުފެންނަ ބައްޔެއް އޭނާއަށް ޖެހިފައިވާ ކަމަށް އިރްފާން ޚާން މީގެ ދުވަސްކޮޅެއްކުރިން ޓްވިޓާ މެދުވެރިކޮށް އެންމެނަށް އެންގި ހިސާބުން މުޅި ބޮލީވުޑް ވަނީ ޝޮކެއްގެ ތެރޭގައެވެ.

އެންމެން ވެސް މަސައްކަތް ކުރަމުން ގެންދަނީ އެބަލީގެ ތަފްސީލް ހޯދުމަށެއެވެ. ނަމަވެސް އިރްފާން ޚާން ވަނީ އޭނާގެ ސަޕޯޓަރުންނާއި ހެޔޮއެދޭ ފަރާތްތަކަށް އޭނާގެ ބައްޔާބެހޭގޮތުން ވާހަކަ ނުދެއްކުމަށާއި ރަނގަޅު ވަގުތެއްގައި އެބަލީގެ ތަފްސީލް އެންމެނާ ހިއްސާކުރާނެކަމަށް ބުނެފައެވެ.

ނަމަވެސް ބަލީގެ ތަފްސީލް ހޯދަން ސަޕޯޓަރުން ކުރާ މަސައްކަތަށް ހުއްޓުމެއް ނާދެއެވެ. އެންމެ ފަހުން އިރްފާން ޙާންގެ އަންހެނުން މިވަނީ އެކަމާ ވާހަކަ ދައްކާފައެވެ.

އިރްފާން ޚާންގެ އަންހެނުން ސްޓަޕާ ސިކްދާރު އޭނާގެ ފޭސްބުކްގައި ބުނެފައިވަނީ "އަހަރެންގެ ފިރިމީހާއަކީ ވަރަށް ހިއްވަރުގަދަ މީހެއް. އޭނާ ދަނީ އެބައްޔާ ދެކޮޅަށް ވަރުގަދަ އަށް ހަނގުރާމަ ކުރަމުން. އެންމެންގެ މެސެޖް ތަކާއި ކޯލްތަކަށް ޖަވާބު ނުދެވޭތީ މާފަށްއެދެން. ނަމަވެސް ހުރިހާ އެންމެންގެ ފަރާތުން ލިބޭ ލޯތްބާއި ހަމްދަރުދީއަށް ވަރަށް އުފާވޭ" އެވެ. އޭނާ އިތުރަށް ބުނީ އެ ބަލީގެ އަސްލު ބެލުމަށް އެންމެންވެސް އެމީހެއްގެ އަގުހުރި ވަގުތު ބޭކާރުކޮށްނުލާ. އެބައްޔަށް ޝިފާ ލިބޭތޯ ދުޢާކޮށްދިނުމަށް އެދޭ ކަމަށެވެ.

އިރްފާން ޚާންގެ ބައްޔާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ އޭނާ އަށް ޖެހިފައިވަނީ ބްރެއިން ކެންސާ ކަމަށް ބުނަމުންނެވެ. އަދި އެނާ އެބައްޔަށް ފަރުވާ ހޯދުމަށްޓަކައި އިންޑިޔާގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ ކޮކިލަބެން ހޮސްޕިޓަލްގައި އޭނާ ވަނީ އެނދުމަތިކުރެވިފައި ކަމަށް އެ ހޮސްޕިޓަލުގެ މުވައްޒަފަކާއި ހަވާލާދީ އިންޑިޔާގެ ބައެއް ނޫސްތަކުގައި ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އެނާގެ ސްޕޯކްސް ޕާސަން ވަނީ އެހަބަރު ދޮގުކޮށްފައެވެ.

އިރްފާން ޚާން އާއި އޭނާގެ އަބިމީހާ އޭނާގެ ބައްޔާ ބެހޭގޮތުން ތަފާތު ވާހަކަ ނުދެއްކުމަށް އެދެމުން ދިޔަ ނަމަވެސް ބޮލީވުޑްގެ އެކި ފަންތީގެ ފަންނާނުން ދަނީ އެބައްޔާއި ގުޅިގެން އެމީހުނަށް ފެންނަ އެއްޗެއް މީސްމީޑިޔާގައި ލިޔަމުންނެވެ. އަދި އެކަމާ އިރްފާން ޚާންގެ އާއިލާއިން ތިބާ ހިތްހަމަ ނުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖްވާ

    އަވަސް ޝިފާ އަކަށް އެދެން!