ދުނިޔޭގައި އަހަރެމެން އުޅޭއިރު ތަފާތު މީހުންނާއި ބައްދަލުވެއެވެ. ތަފާތު މިޒާޖުގެ މީހުންނާއި ތަފާތު ކަންތައްތައް ކުރާ މީހުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ އެމީހެއްގެ ޙަޔާތުގެ ވާހަކަ އަޑުއިވުމުން ހައިރާކަން ގެނުވާފަދަ މީހުންނެވެ.

އެލްބާޓް ލެޒީއަކީ މިފަދަ މީހެކެވެ. މިމަހުގެ ކުރީކޮޅުން އުމުރުން 76 އަހަރުގައި މިދުނިޔެ ދޫކޮށްފައިވާ އެލްބާޓްގެ 30 އަހަރުވަންދެން ކުރަމުން ދިޔައީ ތަފާތު މަސައްކަތެކެވެ. އެއީ މީހުންގެ ބޫޓް ފޮހެދިނުމެވެ. އެމެރިކާގެ ޕިޓްސެން ހޮސްޕިޓަލުގައި މީހުންގެ ބޫޓް ފޮހެދިނުމުގައި 30 އަހަރު ހޭދަކޮށްފައިވާއިރު، މިގޮތަށް ބޫޓް ފޮހެދެނީ 3 ޑޮލަރަށެވެ. ނަމަވެސް ބައެއް މީހުންގެ ދީލަތި އެހީތެރިކަން މިމީހާއަށް ލިބެމުންދިޔައެވެ.

އެލްބާޓްގެ ވާހަކަ އެހެން މިގޮތަށް މަސައްކަތް ކުރާ މީހުންގެ ވާހަކައާ ތަފާތުވަނީ މިހިސާބުންނެވެ. އެލްބާޓްއަށް ޓިޕްގެ ގޮތުގައި ލިބޭ ލާރި ހޭދަ ކުރާ ގޮތުންނެވެ. މިގޮތުން އެލްބާޓް މަރުވިއިރު، އޭނާގެ މިލްކިއްޔާތުގައި ޖުމްލަ 200،000 ޑަޮލަރު ހުއްޓެވެ. އެލްބާޓް ބޭނުންވީ މިޑޮލަރުތައް ބޭނުންތެރި ގޮތެއްގައި ހޭދަ ކުރުމަށެވެ. މިގޮތުން އެލްބާޓް ވަސިއްޔަތްކޮށްފައިވަނީ މި ލާރިތައް އޭނާ ބޫޓް ފޮހުނު ހޮސްޕިޓަލްގައި ބަލިހާލުގައި ތިބި ބޭސްކުރާނެ ގޮތެއް ނެތް މީހުންނަށް ހަދިޔާ ކުރާށެވެ.

ޓްސެން ހޮސްޕިޓަލުގެ ވެރިޔާ އެލްބާޓް ފާހަގަކޮށްފައިވަނީ ވަރަށް މަސައްކަތަށް ޝައުގުވެރިކަން ބަހައްޓާ މީހެއްގެ ގޮތުގައެވެ.

"ވަރަށް މަސައްކަތަށް ޝައުޤުވެރިވާނެ. ހޮސްޕިޓަލްގެ ސްޓާފްއެއްހެން ހީވާނީ. ވަރަށް އޯގާތެރިވާނެ މީހުންނަށްވެސް." ބީބީސީއަށް ދިން އިންޓަރވިއުއެއްގައި މިހޮސްޕިޓަލްގެ ވެރިޔާ ޖޯނަސް ބުނެފައިވެއެވެ.

އެލްބާޓް މިދުނިޔެ ދޫކޮށް ދިޔަ ނަމަވެސް އެލްބާޓްގެ މަސައްކަތް މިދުނިޔެއިން ފޮހެ ނުދެއެވެ. އޭނާގެ ސަބަބުން މިއަދު އެތައް ފުރާނައެއް އެދަނީ ސަލާމަތްވަމުންނެވެ.