އިންޑިޔާގެ ރިހި ސްކްރީނުގައި އެންމެ ޒަމާންވީ ޝޯވ ކަމުގައި "ސީއައިޑީ" ހުއްޓާލަންވަނީ ނިންމާފައެވެ. މި ސިލްސިލާގެ އެންމެ ފަހު އެޕިސޯޑު މާދަމާ ރޭ ދެއްކުމަށްވަނީ ނިންމާފައެވެ. 21 އަހަރު ވަންދެން މެދުކެނޑުމެއް ނެތި ދައްކަމުން އައި މި ސިލްސިލާ ނިންމާލަން ނިންމުމާއެކު، ސީއައިޑީގެ އެތައް ފޭނުންނަކަށްވަނީ އަސަރުކޮށްފައެވެ. އެތައް ބަޔަކުވަނީ ބަސް ހުއްޓިފައެވެ.

ކުލަ ހެދުމުގައި ބޮޑެތި ކުށުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާ ފުލުހުންގެ ޓީމެއްގެ މައްޗަށް ބިނާކޮށްފައި އޮންނަ މި ސިލްސިލާއާ ބެހޭގޮތުން، މި ސިލްސިލާގައި މުޙިއްމު ދައުރެއް އަދާކުރާ ތަރިއަކުވަނީ ވަރަށް ފަހުން "ޓައިމްސް ނައު" ގައި ވާހަކަ ދައްކާފައެވެ. އެއީ، ދަޔާގެ ރޯލުން ފެނިގެންދާ ދަޔަނަންދު ޝެޓީއެވެ.

ޓައިމްސް އަށް ދިން އިންޓަވިއުގައި ދަޔާވަނީ، ފޭނުންނަށް ކޮންމެވެސް މިންވަރެއްގެ އުފަލެއް ލިބިދާނެ ޚަބަރެއް ދީފައެވެ. އެއީ، ވެބް ސީރީޒް އެއްގެ ގޮތުގައި ސީއައިޑީގެ އެޕިސޯޑުތައް ބެލުންތެރިންނާ ހަމައަށް އަތުވެދާނެ ޚަބަރެވެ. އޭނާ ބުނި ގޮތުގައި ސީއައިޑީ އަކީ އަގުބޮޑު ސިލްސިލާއެއްކަމަށާއި އެހެންކަމުން އެކަމުގެ ބައްދަލުވުންތައް މިހާރުވެސް ކުރިއަށް ދާކަމުގައެވެ.

ސީއައިޑީގެ ޕޯސްޓަރެއް

ދަޔާ އިތުރަށް ބުނެފައިވަނީ، ޓީވީ އިންވެސް މި ސިލްސިލާ އެހެން ނަމެއްގައިވެސް ފެނުމުގެ ފުރުޞަތު އޮތްކަމަށެވެ. އަދި، ނިންމާ ނިންމުންތައް، ތަރިންނަށް ހާމަކުރާނެކަމަށް ޕްރޮޑިއުސަރުން ބުނެފައިވާކަމަށްވެސް ދަޔާ ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ސީއައިޑީގެ އެހެން ކަންކަމާ ބެހޭގޮތުން ދަޔާ ވާހަކަ ދައްކާފައިވެއެވެ. އެގޮތުން އޭނާ ބުނެފައިވަނީ މުޅި ސިލްސިލާ ތެރޭގެ ހުރިހާ ކަމަކީވެސް ވަރަށް ހަނދާންވާ ކަންކަންކަމުގައެވެ. އަދި، ސިލްސިލާގެ ކާސްޓުންނާއި ކްރޫ އިންނަކީ އެއް އާއިލާއެއްކަމަށާއި އުފާވެރި އެތައް ވަގުތެއް އެކުގައި ހޭދަކުރެވިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ސީއައިޑީ އިން ފެންނަ ކެރެކްޓާތަކަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤުބޫލު ކެރެކްޓާތަކެކެވެ. އެގޮތުން، ދަޔާގެ އިތުރުން އޭސީޕީ ޕްރަދިއުމަން، އަބިޖީތު، ފްރެޑްރިކް އަދޮ ފޮރެންސިކް ޑޮކްޓަރ ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު