މި ފެށޭ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ބޮލީވުޑް ފިލްމް "އޮކްޓޫބާރ"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ފިރިހެން ލީޑް ރޯލުން މަޝްހޫރު އެކްޓާރ ވަރުން ދަވަން ފެނިގެންދާ މި ފިލްމުގެ އަންހެން ލީޑް ރޯލުން ފެނިގެންދާނީ ބެނީތާ ސަންދޫއެވެ. އޭނާއަކީ އުމުރުން 11 އަހަރުއްސުރެ އެކްޓްކުރަމުން އަންނަ ބަޠަލާއެކެވެ. އެހެންނަމަވެސް މީގެ ކުރިން އޭނާ އެހެން އެއްވެސް ފިލްމެއް ކުޅެފައެއް ނުވެއެވެ.

ޚަބަރުތައް ބުނާގޮތުން، ޝުޖިތު ސިރްކާ ޑައިރެކްޓްކުރާ މި ފިލްމަކީ ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ލޯބީގެ އަސަރުގަދަ ފިލްމެކެވެ. މި ފިލްމުގައި، ފިރިހެން ލީޑް ރޯލުން ފެންނަ ވަރުން ހަރަކާތްތެރިވަނީ ވެއިޓަރެއްގެ ގޮތުގައެވެ. އަދި އެ ހޮޓަލުން ބެނީތާ އާއި ދިމާވެއެވެ. ނަމަވެސް ކުއްލިގޮތަކަށް ބެނީތާ ވަޒީފާއިން ވަކިވުމުން އަރުން ބެނީތާ ހޯދުމަށް ކުރާ މަސައްކަތް މި ފިލްމުގެ ޓްރެއިލާއިން ފެނިގެން ދެއެވެ.

ޑައިރެކްޓާރ ޝުޖިތު ސިރްކާ އާއި އެކު އަރުން މި ފަދަ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރެވެ. އަދި ބޮލީވުޑަށް އަލަށް ތައާރަފުވި ބެނީތާއަށް ފިލްމު އިންޓަސްޓްރީގެ ކަންތައްތަކުގައި އެހީތެރިވަމުން އަންނަ ކަމަށްވެސް އަރުން ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު