އަޅުގަނޑުމެން ރާއްޖެއަކީ ދުނިޔޭގެ މެދުގައި ނުވަތަ އީކުއޭޓަރު ސަރަޙައްދުގައި އޮންނަ ޤައުމެކެވެ.

މިކަމުގެ ސަބަބުން އަޅުގަނޑުމެން ތަޖުރިބާ ކުރަން ޖެހޭ މޫސުމީ ބަދަލުތައް، ނުވަތަ ކުރިމަތިލާން ޖެހޭ މޫސުމީ ތަފާތުތައ ވަރަށް މަދެވެ. ހަމައެހެންމެ، އަހަރުގެ ގިނަ ދުވަސްތަކަކީ ހޫނުގަދަ ނުވަތަ އިރާއެކު ހޭދަކުރާ ދުވަސްތަކެކެވެ.

އެހެންނަމަވެސް، ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި މިކަންކަން ވަރަށް ތަފާތެވެ. އެގޮތުން، އެމެރިކާގެ އެންމެ އުތުރުގެ ސްޓޭޓުގެ އެންމެ އުތުރުގެ އަވަށަށް ދިމާވެފައި މިވަނީ ވަރަށް ތަފާތު ކަމެކެވެ. ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހަށް، އެސަރަޙައްދަށް އިރުގެ އަލިކަމެއް ނުވާނެއެވެ.

މޫސުމީ ޚަބަރުތައް ގެނެސްދޭ "ވެދަރ ޗެނަލް" އިން ބުނެފައިވާ ގޮތުގައި އަލަސްކާގެ ސިޓީއެއްކަމުގައިވާ އުތުގިއާވިޗަށް، 65 ދުވަހުގެ އަނދިރިކަމެއް ވަނީ ކުރިމަތިވެފައެވެ. ކުރިއަށް އޮތް ދިގު މުއްދަތަކަށް އަނދިރިކަމަކަށް ދިޔައިރު، އެސަރަޙައްދަށް އެންމެ ފަހުން ރަނގަޅަށް އިރު ފެނިފައިވަނީ ނުވަތަ އިރުގެ އަލިކަން ފޯރާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އާކްޓިކް ސާކަލްގެ 330 މޭލު މަތީގައި މި ސިޓީ އޮންނައިރު، އެސަރަޙައްދުގެ އާބާދީ އަކީ އެންމެ 4400 އެވެ. އަދި، އެސަރަޙައްދުގެ މީހުންނަކީ ރަށްފުށުގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަހުލުވެރިވެފައިވާ ބަޔެކެވެ. އަދި، ފިނި މޫސުމުގެ ސަބަބުން ކުރިމަތިވާ މި ކަމަކީ އެމީހުންނަށް އައު ކަމެއްވެސް ނޫންކަމަށް “ވެދަރ ޗެނަލް”އިން ބުނެފައިވެއެވެ.

މި އަނދިރި ޙާލަތަށް "ޕޯލަރ ނައިޓް" ގެ ނަމުން ނަން ދީފައިވާއިރު، މިކަން ކުރިމަތިވާ ސަރަޙައްދުގައި، ސައިންޓިފިކް އެކި ދިރާސާތައް ކުރާ ގިނަ އަދަދެއްގެ ބަޔަކުވެސް އުޅެމުންދެއެވެ.

އެހެންކަމުން، މި އަވަށުގެ މީހުންނަށް 65 ދުވަހުގެ ހަތަރު ދަމު މުޅިންވެސް އުޅެވެމުންދާނީ ރޭގަނޑުގެ ވަގުތުގައެވެ.

ކިޔުންތެރިންގެ ހިޔާލު