ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ފުރިހަމަކަން ގެނެސްދީފައިވާ ސަމްލާމް ހާންގެ ކައިވެންޏާއި ބެހޭ ގޮތުން ކުރެވޭ ސުވާލުތައް ވަރަށް ގިނައެވެ. ނަމަވެސް ގިނަ ފަހަރު އެކަމަށް އޭނާ ދެނީ ވަރަށްވެސް އާދައިގެ ފިނި ޖަވާބެކެވެ.

ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުގެ ރޭ ސޮނީ ޓީވީން ދެއްކި "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ސަލްމާން ކައިވެނި ކުރާނީ ކޮން އިރަކުތޯ ކަޕިލް ކުރި ސުވާލަށް ސަލްމާން ހާން މި ފަހަރުވެސް ދިނީ ފިނި ޖަވާބެކެވެ.

ކަޕިލްގެ ސުވާލަށް ޖަވާބު ދެމުން ސަލްމާން ބުނީ މިހާރު އޭނާ ކުޅެމުން އަންނަ ފިލްމު "ބާރަތު" ގައި ވެސް 72 އަހަރާ ހަމައަށް އަންނަ އިރު ވެސް އޭނާ ފެނިގެން ދާނީ ކައިވެނި ނުކޮށް ހުންނަ މީހެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން އޭނާ ފޮލޯ ކުރަމުން މިދަނީ އެކެރެކްޓާ ކަމުގައެވެ.

"އެހެންވެ އެ ކެރެކްޓާ އަހަރެން މި ފޮލޯ ކުރަނީ" ސަމާސާ މިޒާޖަކަށް ސަލްމާން ބުންޏެވެ.

އުމުރުން 53 އަހަރުގެ ސަލްމާން ހާން ބުނީ ކައިވެނި ނުކޮށް ހުރުމުން މާ ބޮލަށް ފަސޭހަކަމަށާއި މިނިވަންކަމާ އެކު ހަމަޖެހިލައިގެން އުޅެލަން ފުރުސަތު އޮންނަ ކަމަށެވެ.

މީސްމީޑިއާގައި އަޑުފެތުރޭ ގޮތުން ސަލްމާން ހާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީރޮމޭނިއާގެ ސެލެބްރިޓީ އޫލިއާ ވަންތޫރާއެވެ،

ސަލްމާނާއި އޫލިއާ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން ގަދަވެއެވެ. ނަމަވެސް ދެމީހުން ކައިވެނި ކޮށްފައެއް ނުވެއެވެ.