ވީޑިއޯ ހަދަން ފަށާތާ 1000 ދުވަސްފަހުން ވީޑިއޯ ހެދުން ހުއްޓާލާނެ ކަމަށް ބުނެ، އެގޮތަށް އެކަންކޮށް، އޭގެ 27 ދުވަސް ފަހުން އަނެއްކާވެސް މަޝްހޫރު ލޮގަރ އެއްކަމަށްވާ ނުސައިރު ޔާސީން (ނަސް ޑެއިލީ) ވީޑިއޯ ހަދަން ފަށާފައެވެ.

ދެންމެ ނަސް ޑެއިލީ ޕޭޖްއިން އާއްމުކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ އަލުން ވީޑިއޯ ހަދަން ފަށަން ނިންމާފައިވާ ކަމަށާއި މިފަހަރު ހެދުމަށް ހަމަޖެހިފައިވަނީ 100 ދުވަސް ވަންދެން ކޮންމެ ހަފްތާއަކު އެއް ވީޑިއޯ ކަމަށެވެ. މީގެ ކުރިން ނަސް ހަދަމުން ދިޔައީ ކޮންމެ ދުވަހަކު 1 މިނެޓްގެ ވީޑިއޯއެކެވެ. ނަމަވެސް މިފަހަރު ހަދާނީ ކިތައް މިނެޓްގެ ވީޑިއޯއެއް ކަމަށް ނަސް ހާމަކޮށްފައިއެއް ނުވެއެވެ. މީގެ އިތުރުން ތަފާތު މީޑިޔާއެއް އޭނާގެ އެކުވެރިންނާއިއެކު ހަދާނެ ކަމަށްވެސް ނަސްވަނީ ހާމަކޮށްފައެވެ.

ނަސްގެ މިއަދުގެ ވީޑިއޯގައި މައިގަނޑު ގޮތެއްގައި އޭނާގެ ހަޔާތުގައި ދިމާވި ހުރަސްތަކާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކާފައެވެ. މިގޮތުން ނަސްގެ ވާހަކައިގައި އޭނާ ކުރިޔަށް ދިއުމަށް މައިގަނޑު ގޮތެއްގައި ހުރަސް އެޅީ 4 ކަމެއް ކަމަށްވަނީ ފާހަގަކޮށްފައެވެެ. މީގެ ތެރޭގައި އޭނާއަކީ އެމެރިކާ ދޮން ނަސްލުގެ މީހަކަށް ނުވުމާއި، މޫނުގައި ބުރުސޫރަ ތީރި ނުވުމާއި، އާދައިގެ ވިލެޖްއަކަށް އުފަންވުމާއި، މުސްލިމަކަށް ވުން ހިމެނެވެ. ނަމަވެސް ނަސް ބުނެފައިވަނީ މި ސަބަބުތައް މިހެން ހުރި ކަމުގައި ވިޔަސް އެމީހާގެ އަސްލު ސޫރަ ދުނިޔެއަށް ދެއްކުމަށް ފަސް ޖެހެން ނުޖެހޭ ކަމަށެވެ. މިގޮތުން ދުނިޔެއިން ފިލާ، ކޮންޕިއުޓަރ ތަކުގައި ތިބޭ މީހުންެވސް ދުނިޔެއަށް ނިކުންނަން ޖެހޭ ކަމަށާއި، މީހުން ބަލަނީ މީހާ ކުރާ މަސައްކަތަށް ކަމަށާއި، މިކަން ނަސް ޑެއިލީގެ ވީޑިއޯތައް ވައިރަލްވި މިންވަރުން ހާމަކޮށްދޭ ކަމަށެވެ. އަދި އޭނާގެ ސަބަބުން އެއަރޕޯޓްގައި ހުރި ޤައިދީއަކު މިނިވަންވި ކަމަށާއި ގިނަ ބަޔަކަށް ނޭނގޭ އެތައް ވާހަކަތަކެއް ހިއްސާ ކުރެވުނު ކަމަށް އޭނާވަނީ ފާހަގަކޮށްފައެވެ.

ދިވެހިންގެ ގިނަ ބައެއްގެ ސަމާލުކަން ނަސްއަށް ހުއްޓުނީ އޭނާ ރާއްޖޭއަށް އައިސް ރާއްޖޭގެ ހާލަތު ކަމަށް ބުނެ އާއްމު ކުރި ވީޑިއޯ އަކާ ގުޅިގެންނެވެ. ރާއްޖޭގައި ނަސް ހެދު ވީޑިއޯއިން ދައްކައިދެނީ ބުރުގާ އަޅާ އަންހެން ކުއްޖަކު ބުރުގާ ނަގަން ބޭނުންވެ، އެކަމަކު މުޖުތަމަޢު އެކަމަށް ހުރަސް އަޅާތީ އެކަން ކުރަން ނުކެރިގެން އުޅޭ ވާހަކައެވެ. ނަސްގެ ވީޑިއޯގައި މިފަދަ ގޮތަކަށް މިކަން ސިފަކޮށްފައި އޮތް ނަމަވެސް ރާއްޖޭގައި ބުރުގާ އަޅާ އަންހެނުން ބުރުގާ މަދުން ނަމަވެސް ފާހަގަކޮށްލެވެއެވެ.

ނަސްގެ މިވީޑިއޯއާއެކު ގިނަ ބައެއްގެ ނަފްރަތު ނަސްއަށް އަމާޒުވެގެން ދިޔައެވެ. އިސްލާމެއް ކަމަށް ބުނެ މީގެ ކުރިންވެސް އިސްލާމް ދީނަށް މަލާމާތް ކޮށްފައިވާ ނަސްގެ މިވީޑިއޯއަށް ގިނަ ދިވެހިން ފާޑު ކިޔަން ފެށުމާއިއެކު ނަސްވަނީ ދިވެހިންނަށް އޭނާގެ ފޭސްބުކް ޕޭޖްއަށް ނުވަދެވޭ ގޮތް ހަދާފައެވެ. ނަސް އޭރު ބުނީ މިގޮތަށް ކަންތައް ކުރީ އެވީޑިއޯއިން ފެންނަ ކުއްޖާއަށް ޓަކައި ކަމަށެވެ.

ނުސައިރު ޔާސީން (ނަސް) އަކީ އިސްރާއީލްއަށް އުފަން ފަލަސްތީންގެ ދަރިކޮޅުގެ މީހެކެވެ. އުޅެބޮޑުވީ އެމެރިކާގެ ނިއުޔޯކް ސިޓީގައެވެ. ހާވާޑް ޔުނިވަރސިޓީއިން 2014 ވަނަ އިކޮނޮމިކްސް އަދި ކޮންޕިއުޓަރ ސައިންސްއިން ޑިގްރީއެއް ނެގުމަށްފަހު، ނަސް މަސައްކަތް ކުރަންފެށީ ސޮފްޓްވެއަރ އިންޖިނިއަރ އަކަށެވެ. ޕޭޕަލްގައިވެސް ނަސްވަނީ މަސައްކަތްކޮށްފައެވެ. އުމުރުން 26 އަހަރުގެ ނަސް އެމަސައްކަތް ހުއްޓާލާ ވީލޮގަރ އަކަށްވީ މީގެ 1،000 ދުވަސް ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޮއްބެ

    ނަޝީދު، ނަސް، މިމީސްމީހުންނަކީ ވަޢުދު ފުއްދާނެ ބައެއްނޫން.

  2. ރިހަ

    ދީނަ ފުރަސާރަ ކުރާ މީހުންގެ ހަބަރ އަބަދް ގެއްނާތި ދެރަވަނީ...

  3. ކުޑަބަޖަރާ

    މީގެ 1027ދުވަސްކުރިން.

  4. ޢައިޝާ

    އޭނަ ހަމަ ކުރިންވެސް ބުނި ގޮތަށް ކުރިއަށް އެދަނީ. އެއްކޮށް ހުއްޓާނެ ކަމަކަށް ނުބުނޭ އެއް އިރެއްގަވެސް.