މީގެ ތިން އަހަރު ކުރިން ޓޮންގާގެ އަލިފާން ފަރުބަދައެއް ގޮވައިގެން އުފެދުނު ރަށަކަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ސައިންސްވެރިން ޒިޔާރަތް ކޮށްފިއެވެ.

ޕެސިފިކު ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ ޓޮންގާ ހިމެނޭ ސަރަހައްދުގައި ވޭތުވެދިޔަ 150 ވަރަކަށް އަހަރު ތެރޭގެގައި މިފަދަ ތިން ރަށެއް އުފެދުނެވެ. ނަމަވެސް ވަރުގަދަ ރާޅުތަކުގެ ސަބަބުން މިފަދަ ރަށްތަށް ފެނުން މަތީގައި ހުންނަނީ މަދު މަސްތަކަކަށެވެ.

2015 ވަނަ އަހަރު ކަނޑު އަޑީގެ އަލިފާން ފަރުބަދައެއް ގޮވައިގެން އުފެދުނު މި ރަށަށް ސައިންސްވެރިން ޒިޔާރަތް ކުރީ މި ރަށުގެ ތަހުލީލުތަކެއް ކުރުމަށެވެ. ޗަކުން ބިން އުފެދިފައިވާ މި ރަށާއި ގުޅޭގޮތުން ނާސާގެ ސައިންސްވެރިން ބުނީ މި ރަށުގައި މިހާރު އެކި ދިރޭ ސޫފާސޫފި އާލާވެ ދަނޑު ގޮވާން ފަޅާފައިވާކަމަށެވެ.

ސައިންސްވެރިން އިތުރަށް ބުނީ މި ރަށް އެންމެ މަދުވެގެން ވެސް ފެނުން މަތީގައި ހުންނާނެ ކަމަށް ބެލެވެނީ 30 އަހަރު ވަންދެން ކަމަށެވެ. ސަބަބެއް ކަމަށް ސައިންސްވެރިން ބުނެފައިވަނީ އަލިފާން ފަރުބަދަ ގޮވައިގެން އުފެދޭ ރަށްތަކަކީ ވަގުތީ ގޮތުން އުފެދޭ ރަށްތަކަކަށް ވުމާއިއެކު ތޫފާން ތަކާއި އުދަ ބާނީގެ ސަބަބުން ރަށްތަށް އަރަގުވުމުގެ ފުރުސަތު އޮތުމުންނެވެ.

ފިޖީގެ އިރުން އަދި ނިއު ޒީލެންޑުގެ އުތުރުން ޕެސިފިކުގައި އޮންނަ ޓޮންގާ އެކުލެވިގެން ވަނީ 180 ރަށުގެ މައްޗަށެވެ. ގިނަ އަދަދެއްގެ އަލިފާން ފަރުބަދަ ހިމެނޭ މި ސަރަހައްދަކީ ދުނިޔޭގެ އެންމެ ގިނައިން ބިންހެލުން އަންނަ ޕެސިފިކް ރިންގް އޮފް ފަޔާ ކިޔޭ ސަރަހައްދެވެ.