މި މަހުގެ ފަސް ވަނަ ދުވަހު އޮލިމްޕަހުގައި ދައްކަން ފެށި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ފިލްމު "40 ޕްލަސް"ގެ އެންމެ ފަހު ވަދާއީ ޝޯ އޮތީ މިރެއެވެ.

އެހެން ނަމަވެސް އެ ފިލްމަށް ބެލުންތެރިންގެ ތަރުހީބު ބޮޑުވެ، އިތުރު ޝޯތަކަށް ޑިމާންޑް ކުރަން ފެށުމުން އިތުރު ތިން ޝޯ އެއް އަނެއްކާވެސް މިވަނީ ދައްކަން ނިންމާފައެވެ. އޮގޮތުން މި މަހުގެ 25، 26 އަދި 27 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ފިލްމުގެ ޝޯތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެ ޝޯތަކަށް ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ.

މީގެ އިތުރުން އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި "40 ޕްލަސް" ހުޅުމާލޭ ޝްވެކް ސިނަމާގައި ދައްކަން އަންނަނީ ތައްޔާރުވަމުންނެވެ. ފިލްމުގެ މުހިއްމު ކާސްޓެއް ކަމަށްވާ އަހުމަދު ސައީދު ބުނީ، އޮލިމްޕަހުގައި ފިލްމުގެ ވަދާއީ ޝޯތައް ދައްކަން ފެށުމާއެކު ބެލުންތެރިން އިތުރު ޝޯތަކަށް ބުނަމުން ދިޔަ ކަމަށެވެ.

"ވަރަށް ތަރުހީބު ބޮޑުކޮށް އުޅެނީ ހަމަ، ޓިކެޓް ކައުންޓަރަށް ބާރު ބޮޑު، އިތުރު ޝޯތަކަށް ޑިމާންޑް ކުރަމުންދާތީ ފިލްމުގެ ތިންޝޯއެއް ދައްކަން މި ނިންމީ،" ސައީދު ބުންޏެވެ.

"40 ޕްލަސް" މިހާރު އަންނަނީ ހަފްތާ ބަނދުތަކުގައި އަތޮޅު ތެރޭގައި ވެސް ދައްކަމުންނެވެ. ގިނަ ރަށްތަކެއްގައި މިހާރު ފިލްމު ދައްކާފައިވާއިރު ބައެއް ރިސޯޓް ތަކުގައި ވެސް ފިލްމު އަޅުވަން ބޭނުންވެގެން އަންނަނީ އެދެމުންނެވެ. އޮލިމްޕަހުގައި ކާމިޔާބު ހައުސްފުލް ޝޯތަކެއް ދައްކާފައިވާ އެ ފިލްމަކީ މިހާތަނަށް ރާއްޖޭގެ ސިނަމާއަށް އައި ހަމައެކަނި ހޮރޯ ކޮމެޑީއެވެ.

ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ތ. ބުރުނީގައެވެ. ހީހީ އަވަދި ވާވަރުގެ މަންޒަރުތައް ހުންނަ އެ ފިލްމުގައި ފިލްމީ ދާއިރާގެ ނަންނަ މަޝްހޫރު ތަރިންނާ މުޅިން އަލަށް ތައާރަފްވާ ތަރިން ވެސް ފެނިގެންދެއެވެ. އެ ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެންނަނީ ސައީދު އާއި ޔޫއްޕެގެ އިތުރުން އަލީ ސީޒަން އަދި މުހައްމަދު މަނިކުއެވެ.