ކުރީގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ގޯވިންދާ ލީޑު ރޯލު ކުޅުނު "ކޫލީ ނަމްބަރު 1" ގެ ރިމޭކެއް 24 އަހަރު ފަހުން ގެނެސްދޭން ނިންމާފައިވާއިރު އެ ފިލްމުގެ މަސައްކަތް ރަސްމީކޮށް އަންނަ ޖުލައި މަހު ފަށަން ނިންމައިފިއެވެ.

އެ ފިލްމު ވެސް ޑައިރެކްޓް ކުރާނީ "ކޫލީ ނަމްބވަރު 1"ގެ ޑައިރެކްޓަރު ޑޭވިޑް ދަވަން އެވެ.

އެ ފިލްމުގެ ސްކްރީންޕްލޭގެ އެއް ހިއްސާދާރު ފަރުހާދު ސަމްޖީ އިންޑިއާގެ ނޫހަކަށް ބުނެފައިވަނީ ފިލްމުގެ ޑައިލޮގްތައް ޑްރާފްޓް ކުރުމަށްފަހު މިހާރު ޑޭވިޑް އަށް ދީފައިވާނެ ކަމަށެވެ. ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެންނާނީ ވަރުން ދަވަން އާއި އަރަމުން އަންނަ ބަތަލާ ސާރާ އަލީ ހާން ކަން ވެސް މިހާރު ވަނީ ކަށަވަރު ވެފައެވެ. މިއީ ވަރުން އޭނާގެ ބައްޕަ އާއެކު މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ.

ފަރުހާދު އިތުރަށް ބުނެފައިވަނީ ކުރިއަށް މިއޮތް ފިލްމު ވެސް "ކޫލީ ނަމްބަރު 1" އަށް ވުރެއް މަޖާ ވެފައި ފުރިހަމަ ވާނެ ކަމަށެވެ.
"ކޫލީ ނަމްބަރު 1" ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި ކަނޑައެއް ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު