ދުނިޔެ އަށް ބޮޑު ކާރިސާއެއް ކުރިމަތިވެ ދުނިޔެ، ދިރުންތަކަށް ދިރިއުޅެން އެކަށީގެން ނުވާފަދަ ހާލަތެއް މެދުވެރިވެދާ ދުވަހަކަށް ހުޅަނގުގެ މަހުޖަނުން ތައްޔާރުވެއެވެ. އެގޮތުން ބިމު އަޑީގެ ބަންކަރުތަކާއި ދަގަނޑުން ތައްޔާރުކޮށްފައިވާ ސިއްރު ބިންގަރާސްތައް ދުނިޔޭގެ އެތަންމިތަނުގައި އެފަރާތްތަކުން ހަދާފައި ވެއެވެ. މީގެ އިތުރުން ދުނިޔެ ސުންނާފަތިވެދާނެ ދުވަހެއްގައި ދުނިޔެއިން ބޭރަށް ދަތުރުކުރުމަށް ކަމަށް ބުނެ މާސިންގާ މަތިންދާ ބޯޓުތައްވެސް ތައްޔާރުކުރެވިފައި ވެއެވެ. މިކަމަށް ފައިސާވެރިން އަބަދުވެސް ތައްޔާރުވަމުންދާއިރު، މިއީ އެފަދަ ހާލަތެއްގައި މަރުން ރެކެވިދާނެ ގޮތެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ދުނިޔެއަށް އެފަދަ ދުވަހެއް އައިސްދާނެ ކަމަށްޓަކައި އެއް ބަޔަކު ތައްޔާރުވެ ދިރިއުޅޭނެ ތަންތަން ބިނާކުރަމުންދާއިރު، ދާދިފަހުން އެމެރިކާގެ ކުންފުންޏަކުން މިވަނީ މުސީބާތުގެ ވަގުތެއްގައި ދިރިހުރުމަށް ބޭނުންކުރުމަށް ކަމަށް ބުނެ، ޚާއްސަ "ފުޑްކިޓް"އެއް ތައްޔާރުކޮށްފައެވެ.

ކާނާގެ އެކި ވައްތަރުތައް ހިމެނޭ މި ފުޑްކިޓުގައި ބަންދުކުރެވިފައިވާ 36000 ދަޅުގައި ޢާންމުކޮށް ކެއުމަށް ބޭނުންކުރާ ގިނަ ބާވަތްތައް ތައްޔާރުކޮށްފައި ހުރެއެވެ. "ކޯސްޓްކޯ" ނަމަކަށް ކިޔާ ކުންފުންޏަކުން މި ފުޓްކިޓް 6000 އެމެރިކާ ޑޮލަރަށް ވިއްކަމުންދާއިރު، އެފަރާތުން ބުނެފައިވަނީ މިއީ ހަތަރު މީހެއްގެ އާއިލާއަކަށް އެއް އަހަރު ދުވަހު ކެއުމަށް ބޭނުންކުރެވޭނެ ކާނާ ކަމަށެވެ.

އެ ކުންފުނިން ހާމަކޮށްފައިވާގޮތުގައި، މި ފުޑްކިޓުގައި މެކަރޯނީ ޕާސްތާއާއި ކިރާއި ގެރިމަހާއި ކުކުޅު މަހުގެ އިތުރުން ބިސް އަދި ޑީހައިޑްރޭޓް ކޮށްފައިވާ އެކި ވައްތަރުގެ މޭވާ ހިމެނެއެވެ. އަދި މި ފުޓްކިޓް ތައްޔާރުކޮށްފައިވަނީ އިންސާނުން ދުޅަހެޔޮކަންމަތީ ދެމިތިބުމަށް އެކަށީގެންވާ މުޙިންމު ބައިތައް ހިމެނޭގޮތަށް ކަމަށް އެފަރާތުން ބުނެއެވެ.

ކޯސްޓްކޯއިން ދަނީ 2010 ވަނަ އަހަރުން ފެށިގެން އެކި ކަހަލަ "އިމަޖެންސީ ސަވައިވަލް ކިޓް"ތައް ވިއްކަމުންނެވެ. އެ ކުންފުނިން ބުނެފައިވަނީ އެމެރިކާ އާއި އުތުރު ކޮރެއާގެ ކޯޅުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ނިއުކްލިއާ ޙަމަލާއެއް ދީފި ހާލަތެއްގައި އެފަދަ ކިޓްތަކުގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު