ބޮލީވުޑް ގެ މަޝްހޫރު ބަތަލް ސިދާތު މަލްހޯތްރާ ޗުއްޓީ ހޭދަ ކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ސިދާތު ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓެއްގައި ކަމެއް އިނގިފައެއް ނުވެއެވެ. މީގެ ކުރިން ވެސް ސިދާތު ވަނީ ޗުއްޓީ ހޭދަ ކޮށްލުމަށް ރާއްޖެ އައިސްފައެވެ. އަދި އެއް ފަހަރު ވަނީ ބޮލީވުޑްގެ މަޝްހޫރު ޒުވާން ބަތަލާ އާލިއާއެކުވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައެވެ.

އުމުރުން 34 އަހަރުގެ ސިދާތަކީ ގިނަ ދިވެހި އަންހެން ކުދިންނަށް ކަމުދާ ބަތަލެކެވެ.

އޭނާ ފުރަތަމަ ފެނިގެން ގޮސްފައިވަނީ 2012 ނެރުނު ކާމިޔާބު ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާ އިން އެވެ. މި ފިލްމަކީ މަޝްހޫރު ޕްރޮޑިއުސާ ވިކަރަމް ބަޓްގެ ދަރި އާލިއާ އާއި ޑައިރެކްޓަރު ޑޭވިޑް ދަވާން ގެ ދަރި ވަރުން ދަވާން ވެސް ބޮލީވުޑް އަށް ތައާރަފް ކޮށްދިން ފިލްމެވެ.

ސިދާތް ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި "ސްޓޫޑެންޓް އޮފް ދަ އިޔާ"، "ހަސީ ތޯ ޕަސީ"، "އެކް ވިލަން" އަދި "ބްރަދާސް" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ/

އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މި އަހަރު ނެރުމަށް ހަމަޖެހިފައިވާ ދެ ފިލްމު 'ޖަބަރިޔާ ޖޯޑީ' އިންނާއި "މަރްޖާންވާ" އިންނެވެ.

"ޖަބަރިޔާ ޖޯޑީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 17 ވަނަ ދުވަހުއެވެ. އަދި "މަރްޖާންވާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު އޮކްޓޯބަރ 2 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު