ފޭސްބުކް މެދުވެރިކޮށް ކޭމްބްރިޖް އެނަލިޓިކާ ނަމަކަށްކިޔާ އިނގިރޭސިވިލާތުގެ ސިޔާސީ ދިރާސާތައް ކުރާ ކުންފުންޏަކުން އެތައް މިލިއަން މީހުންނެއްގެ އަމިއްލަ މައުލޫމާތު ވަގަށްނެގުމާއިއެކު މަޝްހޫރު ވިޔަފާރިވެރިޔާ އިލޯން މަސްކްގެ އެންމެ ބޮޑު ދެ ކުންފުނިކަމުގައިވާ ޓެސްލާ އަދި ސްޕޭސް އެކްސްއިން އެ ކުންފުނިތަކުގެ ފޭސްބުކް ޕޭޖްތައް ޑިލީޓްކޮށްފިއެވެ. އެ ކުންފުނިތަކުން އެހެން އަމަލުކުރީ އިލޯން މަސްކް ސްޕީކަރު އުފައްދާ ކުންފުންޏަކުން ކޭމްބްރިޖް އެނަލިޓިކާ މައްސަލައިގައި ފޭސްބުކްގައި އިޝްތިހާރުކުރުން ހުއްޓާލަން އިއުލާންކުރުމުން އެކަމަށް ސަމާސާކުރެއްވުމަށް ފަހުގައެވެ.

އެހާހިސާބުން އިލޯން މަސްކްގެ ބައެއް ސަޕޯޓަރުން ވަނީ އޭނާގެ ކުންފުނީގެ ފޭސްބުކް ޕޭޖްތައްވެސް ޑިލީޓްކުރައްވަން އޭނާއަށް ގޮންޖަހައިފައެވެ. މަސްކް އެ ފަރާތްތަކަށް ރައްދުދެއްވުމުގެ ގޮތުން ވަނީ މަދު މިނެޓްކޮޅެއްގެ ތެރޭގައި ދެ ކުންފުނީގެވެސް ފޭސްބުކް ޕޭޖްތައް ޑިލީޓް ކޮށްލައިފައެވެ. 2.5 މިލިއަންއަށްވުރެ ގިނަ މީހުން ދިޔައީ އެތަނުން ކޮންމެ ކުންފުންޏެއްގެ ޕޭޖްވެސް ފޮލޯ ކުރަމުންނެވެ. މަސްކް ބުނިގޮތުގައި އޭނާގެ ކުންފުނި ސްޕޭސް އެކްސްގެ ޕޭޖްއެއް ފޭސްބުކްގައި އޮތްކަމެއް އޭނާއަކަށް އޭގެ ކުރިއަކުން ނޭނގެއެވެ. އަދި ޓެސްލާގެ އެފަދަ ޕޭޖްއެއް އޮތްކަމަށް ސަޕޯޓަރަކު ބުނުމުން އޭނާ ވަނީ އެ ޕޭޖް އޭނާއަށް ކަމުނުދާކަމަށް ބުނެފައެވެ. އޭގެ މަދު މިނެޓްކޮޅަކަށްފަހު ދެ ޕޭޖްވެސް ވަނީ ޑިލީޓްކޮށްފައެވެ.

ކެމްބްރިޖް އެނަލިޓިކާގެ މައްސަލައިގައި އެތައް ބަޔަކު ފޭސްބުކްއާއި ދެކޮޅަށް އަޑުއުފުލަމުންދާއިރު ފޭސްބުކްއިން ވަނީ އެ މައްސަލައިގައި މައާފަށް އެދި އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭނޭކަމަށް ބުނެފައެވެ. އިލޯން މަސްކްގެ އެ ދެ ކުންފުންޏަކީވެސް ދުނިޔޭގެ އެންމެ ނަން މަޝްހޫރު ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށްވާއިރު އެއީ މިހާތަނަށް ކެމްބްރިޖް އެނަލިޓިކާ މައްސަލައިގައި ފޭސްބުކް ބޭނުންކުރުން ހުއްޓާލި އެންމެ ބޮޑު ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏެވެ.