އަބަދުވެސް ގިނަ ބަޔަކު ދައްކާ އެއް ވާހަކައެއް އޮވެއެވެ. ގޯސް މީހުންގެ ވާހަކައެވެ. ދުނިޔޭގައި އުޅޭއިރު ދިމާވާ ނުލަފާ މީހުންގެ ވާހަކައެވެ. ނަމަވެސް އިންޑީޔާގެ ބެންގަލޫރުއަށް އުފަން އުމުރުން 28 އަހަރުގެ ބާބޫ މުޑައްޕާގެ ވާހަކަ ތަފާތެވެ.

ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ ބާބޫގެ ދިރިއުޅުން ބަދަލުކޮށްލި ރެއެވެ. އާއްމުކޮށް ޓެކްސީ ދުއްވާ ނިންމާލާފައި ގެޔަށް އައި މަގުމަތީގައި ބާބޫއަށް ފެނުނީ ތަފާތު މަންޒަރެކެވެ. މަގުމަތީގައި އޮތް އަންހެނެކެވެ. މާބަނޑު އަންހެނެކެވެ. ރޮއެ އާދޭސް ކުރަނީ ހޮސްޕިޓަލަށް ގެންގޮސްދޭނެ މީހަކަށެވެ. ބާބޫ ޓެކްސީ މަޑުކޮށްލާ އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައެވެ. ގެންދިޔަ މަގުމަތީގައި އެއީ ކޮންގެޔަކު މީހެއްތޯ، އެއަންހެން މީހާގެ ގޭގެ މީހުންނަށް ގުޅޭނީ ކިހިނެތްތޯ އަހާ އަހާވެސް އަންހެން މީހާ ޖަވާބެއް ނުދިނެވެ. އޮތް ވޭނެއްގެ ބޮޑު ކަމުން ކަމަށް ވެދާނެއެވެ.

އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔުމާއެކު ޖެހުނީ އޮޕަރޭޝަނެއް ކުރާށެވެ. ޚަރަދު ބޮޑު އޮޕަރޭޝަނެކެވެ. ބާބޫގެ އުމުރު ދުވަހުގެ މަސައްކަތް މި އޮޕަރޭޝަނަށް ހޭދަކޮށްލިއެވެ. ނުވެސް ދަންނަ މަގުމަތިން ދިމާވި މީހަކަށް ޓަކައެވެ. އޮޕަރޭޝަންކޮށް ދަރިފުޅު ވިއްސިއިރު ދަރިފުޅު ބާއްވަން ޖެހުނީ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ. ދުވަސް . ނުފުރާ ވިހެއުމުގެ ސަބަބުންނެވެ.

ވިހޭ އަންހެން މިހާގެ އާއިލާ މީހުން އުޅޭ ތަނެއް ހޯދަން ބާބޫ ދިޔައީ މި އަންހެން މީހާ އޮތް ކޮޓަރިއަށެވެ. ނަމަވެސް ކޮޓަރިއަށް ދިޔައިރު އެތާކު އެމީހަކު ނެތެވެ. ދަރިފުޅު ބާއްވާފައި މަންމަ ފިލައިފިއެވެ.

ބާބޫ މިއަދު ބަލަމުން އެދަނީ އެހެން މީހެއްގެ ދަރިއެކެވެ. އޭނާގެ ޝަކުވާއެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަންކާ

    ތި ލަންކާ ގޯލްރޯޑު. ބެންގަލޫރެއް ނޫން