ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެންމެ ބޮޑު ސޯޝަލް ނެޓެވޯކް ކަމަށްވާ ފޭސްބުކް އިން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުގެ ކޯލް ހިސްޓްރީ އަދި އެސްއެމްއެސް ލޮގްތައް ބަލާ ކަން ފަޅާއަރައިފިއެވެ.

ފޭސްބުކް އިން ޑައުންލޯޑް ކުރެވޭ އެމީހެއްގެ ފޭސްބުކް ޑޭޓާ ފައިލް އިން އެމީހަކު ގުޅާފައިވާ މީހުންނާއި އަދި އެސްއެމްއެސް ކުރި މީހުންގެ މައުލޫމާތު ފެނިފައިވާ ކަމަށް ބައެއް މީހުން ވަނީ ޓްވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ.

ފޭސްބުކް އިން މި މައުލޫމާތުތައް އެއްކުރަނީ މެސެންޖާ މެދުވެރިކޮށެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ފޭސްބުކް އިން މި މައުލޫމާތުތައް ބޭނުންކުރަނީ "ފްރެންޑްސް ރިކޮމެންޑޭޝަން އަލްގޮރިދަމް" އިތުރަށް ރަނގަޅު ކުރުމަށެވެ. މި މައުލޫމާތު އެ މީހަކާއި ގުޅުންހުރި ރައްޓެހިން ހޯދުމަށާއި އިތުރަށް ރިކޮމެންޑް ކުރުމަށް އެހީވެދެއެވެ. ފޭސްބުކް އިން ބުނާގޮތުގައި މިގޮތަށް ފޯނުގެ އެކި އެޕްތަކުން ކޮންޓެކްޓް މައުލުމާތު އެއްކުރުމަކީ އާންމު ކަމެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ފޭސްބުކް އިން އެންޑްރޮއިޑް މެދުވެރިކޮށް މިގޮތަށް މައުލޫމާތު އެއްކުރާތާ ގިނަ އަހަރުތަކެއް ވެދާނެއެވެ. ނަމަވެސް ފަހުގެ އެންޑްރޮއިޑް ވާޝަންތަކުގައި ގެނެވުނު ޕްރައިވެސީ ބަދަލާއެކު މި މައްސަލައަށް ފޯން ބޭނުންކުރާ މީހާއަށް އިހްތިޔާރު ލިބިގެންދާނެއެވެ. އެގޮތުން ވަކި އެޕްތަކަށް ކޮންޓެކްޓް އަދި ފޯންގެ ޕާމިޝަން ބްލޮކް ކުރެވޭނެއެވެ.

މިހާތަނަށް އަދި އައިއޯއެސް ފޭސްބުކް އެޕް މެދުވެރިކޮށް މިގޮތަށް މައުލޫމާތު އެއްކުރާ ކަމުގެ މައްސަލައެއް ޖެހިފައެއް ނުވެއެވެ.

މީގެ ދުވަސްތަކެއް ކުރިން އިނގިރޭސިވިލާތުގެ ކުންފުންޏަކުން ފޭސްބުކް މެދުވެރިކޮށް އެތައް މިލިއަން ބައެއްގެ މައުލޫމާތު ވަގަށްނެގި މައްސަލައިގައި ފޭސްބުކްއިން ވަނީ މާފަށް އެދިފައެވެ. އެއީ 2014 ވަނަ އަހަރު ކުއިޒްއެއް މެދުވެރިކޮށް އެތައް މިލިއަން ބައެއްގެ މައުލޫމާތު ފޭސްބުކްއިން ނެގި މައްސަލަ އެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޖޭ

    ތިިކަން އަހަންނައް އިނގޭ މާކުރިން ވެސް.. ހީވޭތަ ކަމެއް ހެން.....