ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން އިންޑިއާގެ ނޫސްވެރިއަކަށް ހަމަލާދިން މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އިންޑިއާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ އަޝޯކް ޕާންޑޭ ވަނީ ސަލްމާން އޭނާއަށް ހަމަލާދިން ކަމަށް ބުނެ ކޯޓަަށް މިހާރު މައްސަލައެއް ވައްދާފައެވެ.

މި މައްސަލާގައި ސަލްމާން އަނެއްކާވެސް ބޮޑު މައްސަލަތަކެއްގެ ތެރެއަށް ވެއްޓިގެން ދާނެ ކަމަށް ބެލެވޭއިރު އަޝޯކް ބުނިގޮތުގައި ސަލްމާން އޭނާއަށް ހަމަލާދިނީ ސަލްމާން ސައިކަލެއްގައި ދަނިކޮށް ވީޑިއޯކުރުމުން ކަމަށެވެ.

އަޝޯކް ބުނިގޮތުގައި ސަލްމާންގެ ބޮޑީ ގާޑުންވެސް ވަނީ އޭނާއަށް ހަމަލާދީފައެވެ.

އާންމު ގޮތެއްގައި ރުޅިގަދަ ސަލްމާންގެ މައްޗަށް ވަނީ 1998 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފިލްމެއްގެ ޝޫޓިންގައި އުޅެމުން، ޖޯދްޕޫރުގެ ކައިރީގައިވާ ކަންކަނި ވިލެޖްގައި ދެ ފުއްލާ ޝިކާރަކުރުމުގެ ކުށް ސާބިތުވުމުން ހުކުމެއް މީގެ ކުރިން އިއްވާފައެވެ.

މި މައްސަލައާއި ގުޅޭ ގޮތުން މީގެ ކުރިން ސަލްމާން ބުނެފައިވަނީ ގަސްތަކެއްގެ ތެރޭގައި ތާށިވެފައި އޮތް ދެ ފުއްލާ ފެނިގެން އޭނާގެ ކާރު އެ ސަރަހައްދަށް މަޑުކުރުމަށްފަހު އެތަނުން ފުއްލާއެއް ނަގާ އޭގެ ގައިގައި ފިރުމުމަށްފަހު ފެން ބޯން ދީފައިވާނެ ކަމަށެވެ.