އިނގިރޭސި ވިލާތުގެ ސިޓީ އެއް ކަމުގައިވާ ބްރިސްޓަލްގެ ޕޮމްފްރޭ ހިލް ފުޓްބޯޅަ ދަނޑު މަތީގައި ކޮންކްރީޓުން ބޯޅަ އެއް ހެދުމަށް ފަހު ބަޔަކު ބާއްވައިފިއެވެ.

މި ބޯޅަ ފެނިފައި ވަނީ ހެނދުނު ގަޑީ ކުއްތާ ގޮވައިގެން ހިނގަން ނިކުމެ އުޅުނު މީހަކަށް ކަމުގައި ވާއިރު، އެ މީހާ ބުނި ގޮތުގައި އެ ބޯޅަ އޮތީ ދަނޑު މެދުގައި ކަމުން ބޯޅައިގައި ޖަހާލަން އޭނާ ބޭނުންވީ ކަމަށެވެ. ނަމަވެސް، އެކަމަށް ތައްޔާރުވެ، ބޯޅަ އާއި ގާތްވި ތަނުން ބޯޅަ އޮތީ ފަޅައިގެން ގޮސްފައި ކަމަށް ހީކޮށް ފައިން ކުޑަކޮށް ކޮށްޓައިލުމުން އެއީ ކޮންކްރީޓުން ހަދާފައިވާ ބޯޅަ އެއްކަން އޭނާ އަށް އެނގުނު ކަމަށެވެ.

ކޮންކްރީޓުން ވައްކޮށް ހެދުމަށް ފަހު އެކަން ކުރި ބަޔަކު ވަނީ ބޯޅައިގެ ހަންގަނޑެއް އެ ކޮންކުރީޓުގައި ހަރު ކޮށްފައެވެ. އަދި ބޯޅަ އަނެއް ފުށަށް ފުރޮޅާފައި ބަލާލި އިރު ލިޔެފައި ވަނީ "ސަޅި. ވަރަށް ތަދުވޭ ދޯ؟" މިހެންނެވެ. އެހެންކަމުން މިއީ ބަޔަކު މީހުން ގަސްތުގައި ރާވައިގެން ކުރި ކަމެއްކަން ވަނީ ހާމަވެފައެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރުގައި، ބަރުދަނުގައި 20 ކިލޯ ހުރި އެ ބޯޅަ ކުޑަކުއްޖަކަށް ފެނުނު ނަމަ ސީރިއަސް އަނިޔާ ތަކެއް ވީސްކަން ޔަގީނެވެ. ނަމަވެސް، އެ ބޯޅައިގައި ޖަހައިގެން މީހަކު އަނިޔާ އެއް ވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް އެ ގައުމުގެ މީޑިއާ ތަކުން މައުލޫމާތު ދެއެވެ.

ފުޓްބޯޅަ އަކީ ރާއްޖޭގައިވެސް ވަރަށް އާއްމު އެއްޗެއް ކަމުގައި ވާއިރު، ދަނޑުމަތިން ނުވަތަ މަގަކުން ފެންނަ ބޯޅަ އެއް ފެނުމުން އެއީ އަސްލެއް ތޯ ޔަގީން ކުރުމަށް ފަހުގައި ނޫނީ ނުޖަހަން ހަނދާން ބަހައްޓާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔުންތެރިޔާ

    ވ ރަނގަޅު ނަސޭހަތެއް. ޝުކުރިއްޔާ

    16
  2. ކޮތަރު

    ރާއްޖެ އަކީ ވަރަށް ކޮޕީކުރާ ހިތްވާ މީހުން އުޅޭ ޤަވްމެއް. އަދި ތަންދޮރު ނުބަލާ ހިތަށް އެރިހާ ކަމެއްކުރާ މީހުންވެސް ރާއްޖޭގައި މަދެއްނޫން. މިކުޅި ނުފަށައިފިއްޔާ ކިތައްމެހައިވެސް ރަނގަޅު.