ބާރަށް ގުގުރި ދެމުމަކީ ފުރާނައަށް ނުރައްކާހުރި ކަމެއްކަމަށާއި އެމެރިކާގެ ސައިންސްވެރިންތަކެއްގެ އާ ދިރާސާއަކުން ހާމަވެއްޖެއެވެ.

އާންމުކޮށް ސްލީޕް އެޕްނިއާ ހުންނަ މީހުންނަކީ 1.23 މިލިމީޓަރުގެ ތުނިމިން ހުންނަ ބޮލުގެ ނާށިގަނޑެއް ހުންނަ ބައެއްކަމަށް އެ ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެގޮތަށް ކަންކަން މެދުވެރިވަނީ ކީއްވެގެންކަމެއް އެ ދިރާސާއިން ހާމަކޮށްފައެއް ނުވެއެވެ.

1 މިލިމީޓަރަށް ވުރެ ތުނި ނާށިގަނޑެއް ހުންނަ މީހުންނަށް ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބުން އެކަށީގެންވާކަމަށްވެސް އެ ދިރާސާއިން ވަނީ ހޯދައިފައެވެ. ނާށިގަނޑު ތުނިވުމުން ސްޕޮންޓޭނިއަސް ސެރީބްރަލް ފްލުއިޑް ނަމަކަށްކިޔާ ދިޔާ މާއްދާއެއް ލީކުވުމުގެ ފުރުސަތު އިތުރުވާކަމަށް އެ ދިރާސާއިން ހޯދާފައިވާއިރު އެއީ ޑިމެންޝިޔާ، ސްޓްރޯކް ފަދަ ސިއްހީ މައްސަލަތައް ކުރިމަތިކުރުވައި މީހާ ކޯމާއަކަށް ދިޔުން އަދި މަރުވުމުގެ ފުރުސަތުވެސް އިތުރުކޮށްދޭ ކަމެކެވެ. އެ ދިޔާ މާއްދާއަކީ ސިކުނޑި ރައްކާތެރިކޮށްދިނުމުގެ މަސައްކަތް އަދާކޮށްދޭ މާއްދާއެކެވެ.

ސްލީޕް އެޕްނިއާ ހުންނަ 18 މިލިއަނެއްހާ މީހުން އެމެރިކާގައި އެކަނިވެސް އުޅޭކަމަށް ލަފާކުރެވިފައިވާއިރު އެއީ ސިކުނޑީގެ އެ ދިޔާ މާއްދާ ލީކުވުމަށް މެދުވެރިކުރުވައިފާނޭ މައްސަލައެއްކަމަށް އެ ދިރާސާއިން ވަނީ ހޯދައިފައެވެ. އަދި އާންމުކޮށް ބަރުދަން އިތުރު މީހުން އަދި އަންހެނުންނަށްވެސް އެ މައްސަލައާއި ވަރަށް ގިނައިން ކުރިމަތިވާކަމަށް ދިރާސާ ކުރި ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

އެ ދިރާސާކޮށްފައިވަނީ އުމުރުން 40 އަހަރާއި 60 އަހަރާއި ދެމެދުގެ 114 މީހުންގެ މެދުގައެވެ. އެތަނުން 56 މީހުންނަކީ ސްލީޕް އެޕްނިއާ ކޮންމެވެސް އެއް މިންވަރަކަށް ހުންނަ މީހުންނެވެ. ސްލީޕް އެޕްނިއާ އަކީ އިނގިރޭސިވިލާތުގައިވެސް އެންމެ އާންމު ނިދުމުގެ މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު