ޖަރުމަންގައި އުމުރުން 20 އަހަރުގެ އަންހެނަކު ކާރު ވިއްކާ ތަނަކަށް ދިޔައީ އަގުބޮޑު ކާރެއް ގަންނަން ހިތުލައިގެންނެވެ. އޭނާ އެތަނަށް ދިޔައީ ގެއިން އަމިއްލައަށް ފައިސާ ޕްރިންޓްކޮށްގެން ހިފައިގެންނެވެ. އޭނާ 15000 ޔޫރޯ މިގޮތަަށް ޕްރިންޓްކޯށްގެން ހިފައިގެން ދިޔައިރު، އެއީ ފޭކް ފައިސާކަން ވަގުތުން އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެނގިގެން ދިޔައެވެ.

އޭނާ އެ ނޫޓުތައް ޕްރިންޓްކޮށްފައި ވަނީ އާދައިގެ ޕްރިންޓަރަކުންނެވެ.

އެ ހާދިސާގައި އެ އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ އެތަނަށް ދިޔައީ 2013 އައުޑި އޭ3 ގެ ބޭނުންކޮށްފައި ހުރި ކާރެއް ގަތުމަށެވެ.

މިދިޔަ ހޯމަ ދުވަހު އޭނާ އެ ޝޯވރޫމަށް ދިޔައިރު، އޭނާ އެތަނަށް ގޮސް ފުރަތަމަ އެ ކާރު ވަރަށް ރީއްޗަށް ބެލިއެވެ. އަދި ޓެސްޓު ޑްރައިވްއެއްވެސް ޖެއްސިއެވެ. އަދި އޭނާ އެ ކާރު ގަންނަން ފައިސާ ދައްކާނީ، ފައިސާއިން ކަމަށް ބުނެ އެ މީހުންގެ އަތަށް 50 އާއި 100 ގެ ޔޫރޯ ނޫޓުތައް ދިނެވެ.

އެ ނޫޓުތައް ބެލުމަށްފަހު އެއީ ފޭކް ނޫޓުތަކެއްކަން އެނގުނުއިރު، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސް އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ.

މިއީ އެ ގައުމުގައި އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރު ކަމެކެވެ.