ވިއްކާ ކޮފީތަކުގެ ތަށިތަކުގެ ބޭރުގައި ކެންސަރަށް މަގުފަހިވާކަމުގެ އިންޒާރުގެ މެސެޖުތަކެއް ހިމެނުމަށް އެމެރިކާގެ ކެލިފޯނިއާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެ ހުކުމުގެ ސަބަބުން ސްޓާބަކްސް އަދި ކޯސްޓާ ކޮފީ ފަދަ މަޝްހޫރު އެތައް ހާސް ކޮފީ ވިއްކާ ފިހާރަތަކަށް އެކަމުގެ އަސަރުކުރާނެއެވެ. ކޯޓުގެ ޙުކުމުގައި ވަނީ އެފަދަ ކުންފުނިތަކަށް ކޮފީއިން ކެންސަރަށް މަގުފަހިނުކުރާކަމަށް ސާބިތުކޮށްނުދެވުނުއިރު އެ ކުންފުނިތަކުން ކަސްޓަމަރުންނަށް އިންޒާރުގެ މެސެޖް ދޭނޭ އެދެވޭ އެހެން ގޮތެއްވެސް ދެއްކިފައިނުވާކަމަށެވެ.

އެމެރިކާގެ ކެލިފޯނިއާއަކީ ކެންސަރަށް މަގުފަހިވާކަމަށް ސާބިތުކޮށްދެވިފައިވާ މާއްދާތަކާއި ކެމިކަލްތަކުގެ ލިސްޓެއް ގެންގުޅޭ ސްޓޭޓެކެވެ. އެ ސްޓޭޓްއިން ވަނީ އާންމުކޮށް ކޮފީތަކުގައި ހިމެނޭ މާއްދާއެއްކަމުގައިވާ އެކްރިލަމައިޑް އެ ލިސްޓުގައި ހިމަނާފައެވެ. އިންޒާރުގެ މެސެޖެއް ކޮފީތަށިތަކުގެ ބޭރުގައި ހިމެނުމަށް ހުކުމްކުރި ކޯޓުން ވަނީ އެ މާއްދާ ކޮފީތަކުގައި ގިނަ އަދަދަކަށް ހިމެނޭކަމަށާއި އަދި އެއީ ކަސްޓަމަރުންނަށް ކޮންމެހެންވެސް އެނގުން މުހިންމު މައުލޫމާތެއްކަމުގައި ބުނެފައެވެ.

އެހެންނަމަވެސް ކޮފީ އުފައްދާ ކުންފުނިތަކުން ވަނީ ކޮފީގައި ހިމެނޭ އެ މާއްދާ ހިމަނާފައިވަނީ ރަނގަޅު މިންވަރަކަށްކަމަށާއި އަދި ކޮފީއިން ލިބޭ ސިއްހީ ފައިދާތައް ގެއްލުމަށްވުރެ ގިނަކަމަށް ބުނެފައެވެ. ކޮފީއަކީ އޭގެ ސަބަބުން ހިތުގެ ބަލި، މަލްޓިޕަލް ސްކްލެރޮސިސް، ޓައިޕް 2 ޑައިބިޓީޒް އަދި އަލްޒެއިމާރސް ފަދަ ނުރައްކާތެރި ބަލިތަކާއި މީހާ ދުރުކޮށްދޭ އެއްޗެއްކަމުގައި ބައެއް ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ. އަދި އެ ބަލިތަކުގެ އިތުރުން މެލަނޯމާ އަދި ޕްރޮސްޓޭޓް ކެންސަރު ފަދަ ބަލިތަކާއިވެސް ކޮފީގެ ސަބަބުން މީހާ ދުރުކޮށްދޭކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީ

    ރަނގަޅު ގޮތެއް ނޭނގުނު ދެން