ސަނީ ލިއޯން ފެނިގެންްދިޔަ ފިލްމް އަރްޖުން ޕަޓިއާލާގައި ސަނީގެ ފޯން ނަމްބަރު ކަމަށް ބުނެ ފޯން ނަމްބަރެއްގެ ވާހަަކަދައްކައެވެ. އެ ފިލްމްގައި ސަނީ ދިލިޖިތްއަށް ދޭ އެ ނަމްބަރުގެ އަސްލު ވެރި ފަރާތަކީ އިންޑިއާ މީހެކެވެ.

އެއީ ސަނީގެ ނަމްބަރުކަމަށް ހީކޮށް އެތައް ބަޔަކު އޭނާއަށް ގުޅާ ސަނީ އާއި ވާހަކަދައްކަން ބޭނުންވާ ކަމަށް ބުނަމުން ދެއެވެ.

ޕުނީތް ނަމަކަށް ކިޔާ އެ މީހާ ބުނީ، އެ ފިލްމް ނެރުނުއިރުން ފެށިގެން މިހާރު އެތައް ބަޔަކު އޭނާއަށް ގުޅާފައި ވާކަމަށެވެ. އަދި ސަނީ ލިއޯންއާއި ވާހަކަދައްކަން ބޭނުންވާކަމަށް ބުނާ ކަމަށްވެސް އޭނާ ބުންޏެވެ.

"ޖުލައި 26ގައި މި ފިލްމް ނެރުނީ އެއިރުން ފެށިގެން ނުދަންނަ އެތައް ބަޔަަކު އަހަންނަށް އެބަގުޅާ. ސަނީ ލިއޯންއާއި ވާހަކަދައްކަން ބޭނުމޭ ބުނެ، އަހަރެން ހީކުރީ އެންމެން އަހަރެން ހައްދަނީ ކަމަށް. އަހަރެންނަށް ފަހުން އެނގުނީ އެ ފިލްމްގައި ސަނީގެ ނަމްބަރު ކަމަށް ބޭނުންކޮށްފައި ވަނީ އަހަރެންގެ ނަމްބަރު ކަން". ޕުނީތް ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެތައް ބަޔަކު އޭނާއާ ގުޅާ ޖެއްސުންވެސް ކުރަމުން ދެއެވެ. އަދި މިހާރު އޭނާ ވަނީ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ.

"އަދި މިހާތަނަށް ފުލުހުންވެސް އެ މައްސަލާގައި ފިޔަވަޅެއް އަޅާފައެއް ނުވޭ". އޭނާ ބުންޏެވެ.

އަދި އެ ފިލްމްގެ މައްސަލަ ކޯޓަށް ވެއްދުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.