އިންޑިއާގެ ހައިދަރް އާބާދުގެ ފަސް ތަރީގެ ހޮޓަލެއް ކަމަށްވާ ޓާޖް ބަންޖަރާ ހޮޓަލުގައި 102 ދުވަސް ވަންދެން މަޑު ކުރުމަށް ފަހު ފައިސާ ނުދައްކާ ފިލި ވިޔަފާރިވެރިއަކު ހޯދުމުގެ މަަސައްކަތް ފަށައިފިއެވެ.

އޭނާ ފިލާފައި ވަނީ އެ ހޮޓަލަށް ދައްކަން ޖެހޭ އެއްބައި ދެއްކުމަށްފަހު ބާކީ ދައްކަން ޖެހޭ 12.34 ލައްކަ ރުޕީސް ނުދައްކައެވެ. އެ ހޮޓަލުން އޭނާ ހުރުމަށް ދިނީވެސް ޑިސްކައުންޓް ރޭޓެއްގައެވެ.

އެ މައްސަލަ މިހާރު ފުލުހުންނަށްވެސް ވަނީ ހުށަހަޅާފައެވެ. ޝަންކަރް ނަރަޔަނާ ނަމަކަށް ކިޔާ އެ ވިޔަފާރިވެރިޔާ އާ ދެކޮޅަށް މައްސަލަ ހުށަހެޅިއިރު، އެއީ ވިސަޚަޕަޓްނަމްއަށް ނިސްބަތްވާ ވިޔަފާރިވެރިއެއްކަމަށް އޭނާ ބުނެފައިވާކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

އެ ހޮޓަލުން މައުލޫމާތުދިންގޮތުގައި، އެ ވިޔަފާރިވެރިޔާ އޭނާ އެ ހޮޓަލްގައި މަޑުކުރި ދުވަސްތަކުގައި 13.62 ލައްކަ ދައްކާފައި ވެއެވެ. އެހެން ނަަމަވެސް ބާކީ ދައްކަން ޖެހޭ 12.43 ލައްކަ ރުޕީސް ދައްކަން ހޮޓަލުން ޑިމާންޑް ކުރުމުން އޭނާ ފިލީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"އަހަރެމެން އޭނާގެ ފޯނަށްވެސް ގުޅިން އެތައް ފަހަރަކު، އޭނާ ބުނީ، އޭނާ އަންނާނެ ކަމަށް ބާކީ ފައިސާ ދައްކަން، އެހެން ނަމަވެސް ފަހުން އޭނާގެ ފޯންވެސް ވަނީ ނިއްވާލާފައި، އަހަރެމެެން މިހާރު އެ މައްސަލަ ފުލުހަށްވެސް ހުށަހަޅައިފިން". އިންޑިއާގެ ނޫސްތަކަށް މައުލޫމާތުދެމުން އެ ހޮޓަލްގެ އޮފިޝަލަކު ބުންޏެވެ.

މިއީ އާއްމުކޮށް ހިނގާ ކަމެކެވެ. ރާއްޖޭގެ ބައެއް ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގައިވެސް މަޑު ކުރާ ގެސްޓުން ބިލްތަކަށް ފައިސާ ނުދައްކާ ފިލައިގެން ދާން މަސައްކަތް ކުރެއެވެ. ބައެއް ގެސްޓުން ފިލަންވެސް ފިލައެވެ. މިގޮތަށް ވާ ފަހަރުތަކުގައި އެ ފައިސާ ދައްކަން ޖެހެނީ ރިސޯޓުގެ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު