ޓެކްނޮލެޖީގެ ގޮތުން ދުނިޔެ ވަރަށް ބޮޑުތަނުން ކުރި އަރާފައިވާ މި ޒަމާނުގައި މީސް މީޑިއާ އާއި ނުލައި އުޅެނީ ހިތްވަރުގަދަ، މަދު ބައެކެވެ. ހުރިހާ ކަމެއްވެސް އިންޓެނެޓާއި ހާއްސަކޮށް މީސް މީޑިއާގެ ޒަރިއްޔާ އިން މިހާރު ކުރަމުން އަންނަ އިރު، ދާދި ފަހުން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި މީސް މީޑިއާގެ ސަބަބުން އަންހެނުން ސްޓްރެސް ވާލެއް ބޮޑުވެފައި، ސިކުނޑިއަށް ނޭދެވޭ އަސަރު ކުރާލެއް ބޮޑެވެ.

އިނގިރޭސި ވިލާތުގެ 13،000 އަންހެނުން ބޭނުން ކޮށްގެން ހެދި މި ދިރާސާ އިން ދައްކާ ގޮތުން މީސް މީޑިއާގެ ސަބަބުން ސްޓްރެސް ވުމާއި އެނޫންވެސް ސައިކޮލޮޖިކަލް މައްސަލަތައް ޖެހި، ސިކުނޑީގެ ހަމަޖެހުންވެސް ގެއްލެއެވެ. މިކަން ގިނައިން ވަނީ ފުރާވަރުގެ އަންހެން ކުދިންނަށް ކަމުގައި ވާއިރު، ކަސްރަތު ނުކޮށް، ހަމަ ނިދި ނުލިބުމަކީ މިކަމުގެ ފަހަތުގައިވާ ކަންތަކެވެ.

އޭގެ އިތުރުންވެސް، ސައިބާ ބުލީން އާއި އަންހެނުން ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުން ލިބެން އުއްމީދު ކުރާ ވަރަށް ވުރެން މަދުން ލައިކް ލިބުމަކީވެސް އެކަމުގެ ސަބަބެކެވެ. މިހާރަކަށް އައިސް ކުޑަ ކުދިންވެސް ވަރަށް ހަނގު އުމުރަކުން ފަށައިގެން މީސް މީޑިއާ ބޭނުން ކުރަމުން އަންނަ އިރު، މިއީ ބެލެނިވެރިން ސަމާލުވެ، ވިސްނަން ޖެހޭ ކަންތައް ތަކެވެ.