ކުޑަ އިރުން ފެށިގެން އަހަރެމެންނަށް ފެންނަ އެއް ކަމަކީ، އަދި ކުރަން ދަސްކުރާ ކަމަކީ އަތުން ކަށި ގޮއްވުމެވެ. އަތުގެ އިނގިލިތަކުގެ ކަށި ގޮއްވައިފިނަމަ ބޮޑެތި މީހުން ވަގުތުން އެކަން ނުކުރުމަށް ބުނެ މަނާ ކުރެވެއެވެ. އަދި އެހެން ހަދާނަމަ، އަވަހަށް މީހަ މުސްކުޅިވެ، އަތުގެ ބާރު ދެރަވާނެ ކަމަށްވެސް ބުނެއެވެ. އެއީ ހަމަ ހަގީގަތް ކަމަށް ގަބޫލު ކުރަން ހެއްޔެވެ؟

ކަށީގެ މާހިރެއް އަދި އެކަމުގެ އޮޕަރޭޝަންތައްވެސް ކުރަމުން އަންނަ އެމެރިކާގެ ޑރ. ރޮބާޓް ކްލެޕާ މައުލޫމާތު ދޭ ގޮތުގައި ކަށި ގޮއްވުމުން އެ އިވޭ އަޑަކީ އަހަރެމެންގެ އިނގިލި ތަކާއި އަތާއި ގުޅޭ ހިސާބުގައި ހުންނަ ނައިޓްރޮޖެން ބަބްލްސް ތަކުގެ އަޑެވެ. ކޮންމެ ކައްޓެއްގެ ބުޑުގައިވެސް ފްލުއިޑެއް ނުވަތަ ލޮނދި ކަމެއް ހުންނަ އިރު، އަތުގައި ހުންނަ ފުލުއިޑަށް ކިޔަނީ ސައިނޯވިއަލް ފްލުއިޑް އެވެ. ނައިޓްރޮޖެން ބަބަލްސްތައް އުފެނީ މި ފްލުއިޑްގެ ތެރޭގައެވެ.

އަތުން ކަށި ގޮއްވާ އަންހެނެއް

ކަށި ގޮއްވާތާ 20 މިނެޓު ތެރޭގައި އަނެއްކާވެސް އެކަން ކޮށްފިނަމަ އަޑު ކިޔާނެއެވެ. ނަމަވެސް، އެ ވިހި މިނެޓު ތެރޭގައި އަޑި ނުކިޔުން އެކަށީގެން ވެއެވެ. ސަބަބަކީ ނައިޓްރޮޖެން ބަބްލްސް އަނެއްކާވެސް އާލާވުމަށް 20 މިނެޓު ނަގާތީއެވެ. އަދި މިއީ ކިތަންމެ ވަރަކަށް ކުރިއަށް އަހަރެމެންގެ ހަށިގަނޑަށް ގެއްލުންވާ ކަމެއް ނޫން ކަމަށް ޑރ. ކްލެޕާ މައުލޫމާތު ދެއެވެ.

"އަތުން ކަށި ގޮއްވުން އެއީ އެއްވެސް މައްސަލަ އެއް ނޫން. މިކަމުގެ ސަބަބުން މީހާ އަވަހަކަށް މުސްކުޅި އެއްވެސް ވަކި ނުވާނެ އަދި އަތުގެ ބާރެއްވެސް ދެރަ އެއް ނުވާނެ. މީހުން އެ ދައްކާ ވާހަކަ އަކީ ހަގީގަތެއް ނެތް ފްލޯކު ވާހަކަ އެއް" ޑރ ކްލެޕާ ބުނެފައި ވެއެވެ.

ކަށި ގޮއްވާ މީހެއް

އަތުން ކަށި ގޮއްވުމުން އަހަރެމެންނަށް ހިތްހަމަޖެހުން ލިބިގެން ދާއިރު، އެއީ ސައިކޮލޮޖިކަލް ކަމެކެވެ. އެއީ ތިމާ އުފާވާ ކަމެއްނަމަ ހަމަ ގިނަ ގިނައިން އެކަން ކުރަންވީއެވެ. ނަމަވެސް، އަތުން ކަށި ގޮއްވުމުން ތަދުވާނަމަ، އެއީ އަތުގައި ކޮންމެވެސް އެހެން މައްސަލަ އެއް އުޅޭ ކަމުގެ ނިޝާނެކެވެ. މިފަދަ ކަމެއް ވެއްޖެނަމަ ޑޮކްޓަރަށް ދައްކާށެވެ. އަދި އެތަނެއް ރަނގަޅު ވުމުން، އަނެއްކާވެސް އަތުން އަޑު ގޮއްވުމުގެ މަސައްކަތް ފެށޭނެއެވެ.

ޑރ.ކްލެޕާ މިހެން ބުނެފައި ވާއިރު، މިއީ ދުނިޔޭގެ މޮޅެތި ޑޮކްޓަރުންނާއި ސައިންސްވެރިންވެސް ގަބޫލު ކުރާ ގޮތްކަން ފާާހަގަކޮށްލެވެއެވެ. އެހެންކަމުން، މީހަކު މިފަދަ ކަމެއް ކުރާތަން ފެނިއްޖަނަމަ، އެކަން ހުއްޓުވުމުގެ ބޭނުމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު