ސްޓާޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާ، "ކަސޯޓީ ޒިންދަގީކީ" ގައި މުހިންމު ރޯލެއް އަދާކުރަމުންދާ ތަރި، ހީނާ ޚާން އެ ސިލްސިލާ ދޫކޮށް ދާން ނިންމުމުން، އެ ރޯލަށް އެހެން ފަންނާނަކު ގެނައުމަށް ނިންމައިފިއެވެ.

ޚަބަރު ފެތުރިފައިވާ ގޮތުގައި، ޚީނާ ހާން ކުޅެމުން ދިޔަ ކޮމަލިކާގެ ބައިން ދެން ފެނިގެންދާނީ، ޑެއިލީ ސޯޕްގެ ތަރި، ޖޭސްމިން ބާސިން އެވެ. ނަމަވެސް އޭނާ އަދި އަންނާނެކަން ކަސޯޓީގެ ޕްރޮޑަކްޝަން ޓީމުން ޔަޤީންކޮށްދީފައެއް ނުވެއެވެ.

ކަސޯޓީގެ ކޮމަލިކާގެ ރޯލަށް ޖޭސްމިން ގެނައުމަށް، އެ ސީރީޒްގެ ޕްރޮޑަކްޝަން ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މަސްދަރުތަކުން ބުނަމުންދާއިރު، އޭނާ އަކީ މީގެ ކުރިންވެސް ހިންދީ މަޝްހޫރު ބައެއް ސީރީޒްތަކުންނާއި އިންޑިއާގެ ފިލްމުތަކުން ވިދާލި ތަރިއެކެވެ. އެގޮތުން ޒީޓީވީން ދެއްކި ސީރީޒް، "ތަޝަން އޭ އިޝްޤް" އޭނާ ފެނިގެން ގޮސްފައި ވެއެވެ.

ކަސޯޓީގެ ކޮމަލިކާގެ ރޯލަށް ޖޭސްމިން ގެންނަން އުޅޭކަމުގެ ޚަބަރު ފެތުރިފައި ވަނީ، މީގެ ކުރިން އެ ރޯލު ކުޅެމުން އައި ހީނާ، ސީރީޒްގައި މަސައްކަތް ނުކުރާނެކަން ޔަޤީންވެފައި ވަނިކޮށެވެ. ހީނާ އެ ސީރީޒް އިން ދެން ނުފެންނާނެ ކަން ސީރީޒްގެ ޕްރޮޑަކްޝަން ޓީމުންވެސް ވަނީ ހާމަކޮށްފައެވެ.

ނޫސްތައް ބުނާގޮތުގައި ހީނާ ކަސޯޓީ ދޫކޮށްލީ، ބޮލީވުޑްގެ ފިލްމުތަކުގެ މަސައްކަތް ކުރުމަށެވެ.