ޖަޕާނުގެ މީހަކު 1300 މީހުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު އެއްކޮށް، އެ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރިކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ޖަޕާނުގެ ފިހާރައެއްގައި މަސައްކަތްކުރި ކޭޝިއަރެކެވެ. ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އޭނާ އެއްކުރީ އޭނާގެ ފޮޓޯގްރެފިކް މެމޮރީގައެވެ. ފޮޓޯ ގްރެފިކް މެމޮރީއަކީ އެއްޗެއް ބެލުމަށްފަހު އޭގައިވާ ކުދި ކުދި ކަންކަން އެންމެ ފުރިހަމަކޮށް ހަނދާނުގައި ބެހެއްޓުމެވެ. އާންމުކޮށް މިހެން ހަނދާނުގައި ބަހައްޓާ ކަންކަން ހަނދާނުގައި ހުންނަނީ ކުޑަ ވަގުތު ކޮޅަކަށެވެ. އޭނާ ވަނީ ކާޑުތަކުގެ ނަމްބަރާއި ސެކިއުރިޓީ ކޯޑު އަދި ކާޑުގައި ޖަހާފައިވާ މީހާގެ ނަން ހަނދާން ބަހައްޓައގެން އެތަކެތި އޭނާގެ ނޯޓުފޮތުގައި ނޯޓުކޮށްފައެވެ.

އެމީހާ ހައްޔަރުކުރުމަށްފަހު ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި އޭނާގެ ނޯޓުފޮތުން 1300 އަށްވުރެ ގިނަ މީހުންގެ ކާޑުގެ މައުލޫމާތު އޭނާ ވަނީ އެއްކޮށްފައެވެ. އަދި އޭގެން އޭނާ ވަނީ ވިޔަފާރިވެސް ކޮށްފައެވެ. އެގޮތުން އޭނާ ކުރި ވިޔަފާރީގެ ތެރޭގައި އޮންލައިންކޮށް ތަކެތި ގަނެ، ގަތް އަގަށްވުރެ ބޮޑުކޮށް ވިއްކުން ހިމެނެއެވެ. އަދި އެ ވިޔަފާރިކޮށްގެން ލިބުނު ފައިސާއިން އޭނާ ވަނީ އޭނާ ދިރިއުޅޭ ގޭގެ ކުއްޔާއި ކާބޯތަކެއްޗާއި އެކި ޚަރަދުތައް ކޮށްފައެވެ.

އަދި އޭނާގެ އެޕާޓްމަންޓު ބަލައި ފާސްކުރި އިރު 2500 ޑޮލަރުގެ އަގުހުރި ސާމާނު ފެނިފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ. އަދި އެ ތަކެއްޗަކީ އޭނާ އެއްކުރި އެކި މީހުންގެ ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ގަނެފައިވާ ތަކެތި ކަމަށްވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު