ޓެކްނޮލޮޖީއާ އެކު ދުނިޔެ ކުރިއަރަމުން އަންނަ، އެތައް ކަމެއްގެ ފަސޭހަ އަދި މޮޅެތި އީޖާދުތައް މިއަންނަނީ ފެންނަމުންނެވެ. މި އީޖާދުތަކަކީ ކޮންމެ ފަހަރަކު ތިމާއަށް އެންމެ ރަނގަޅު އީޖާދުތައް ކަމަށް ނުވެދާނެއެވެ.

ހަމަ މިފަދައިން ޒުވާނުންނަށް މާ ފައިދާހުރި މާ މަޖާ ކަމެއް ކަމަށް އިސްތިހާރުތަކުންނާއި ކުންފުނިތަކުން ދައްކަމުން ދިޔަ އީ-ސިނގިރޭޓު ނުވަތަ އިލެކްޓްރޯނިކް ސިނގިރޭޓްގެ ވަބާ މިއަންނަނީ މުޅި ދުނިޔެއަށް ހަލުވި ދުވެލީގައި ފެތުރެމުންނެވެ. އެތައް ބަޔަކު ގަބޫލު ކުރާ ގޮތުގައި، އެކި ރަހަތަކާއެކު އުފައްދާ ކަރަންޓު ސިނގިރޭޓަކީ ސިއްހަތައް ގެއްލުމެއް ހުރިއެއްޗެއް ނޫނެވެ. ނަމަވެސް މިފަދަ ކަންކަމާ ބެހޭ މަހިރުންގެ ހޯދުންތަކުން ދައްކާ ގޮތުގައި އިލެކްޓްރޯނިކް ސިނގިރޭޓަކީވެސް ހަށިގަނޑަށް ނުރައްކާތެރި އެއްޗެކެވެ.

މީގެ ބާވަތެއް ކަމުގައި ހިމެނޭ، އަދި އަހަރުމެންގެ މިކުޑަކުޑަ ރާއްޖެއަށްވެސް ނިކަން މަޝްހޫރު ވޭޕް ބޮއިގެން މަރުވި މީހުންގެ އަދަދު 7 އަށް އެރުމާއެކު ނިއު ޔޯކްއިން މިވަނީ މިފަދަ އެއްވެސް ބާވަތެއްގެ ސިނގިރޭޓް ބުއިމަކީ މަނާކަމެއްގެ ގޮތުގައި ފާސްކޮށްފައެވެ. އަދި މި ގަވައިދަށް މިއަންނަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަށްވެސް ވަނީ ނިންމައިފައެވެ.

ނިއުޔޯކްގެ ހައި ސްކޫލްގައި ކިޔަވަމުންދާ ކުދިންގެ ތެރެއިން އީ-ސިނގިރޭޓުގެ ބޭނުންކުރާ ކުދިންގެ އަދަދު ފާއިތުވި ދެއަހަރުގެ ތެރޭގައި މިވަނީ 27.5 އިންސައްތައަށް އިތުރުވެފައި ކަމަށް، ތަފާސް ހިސާބުތަކުން ދައްކާއެވެ.

އެހެންކަމުން މި ބާވަތުގެ ސިނގިރޭޓު ބޭނުންކުރުން މަނާ ކުރުމަކީ މިކަން ހުއްޓުވުމަށް އެޅޭނެ ވަރަށް ވަރުގަދަ ފިޔަވަޅެއް ކަމަށް އެ ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު