ދިވެހިންގެ ތެރޭގައި ސިކުނޑީގެ ހާއްސަ ވަކި މައްސަލައެއް ފެންނަކަމަށް ރާއްޖޭގެ ގިނަ ބަޔަކު ފަރުވާ ހޯދުމަށް ދާ ހޮސްޕިޓަލެއް ކަމުގައިވާ އޭޑީކޭއިން ދާދިފަހުން ކުރި ދިރާސާއަކުން މިވަނީ ދައްކައިފައެވެ. އޭޑީކޭ އިން ކުރި ދިރާސާ އިން ހާމަވާ ގޮތުގައި ގިނަ ދިވެހިން ތަކެއްގެ ބޮލުގެ ފަހަތު ނާށިގަނޑުގައި ހުންނަ ލޯވަޅަކުން ސިކުނޑީގެ ބައެއް އެ ލޯވަޅުގެ ޒަރިއްޔާ އިން ތިރިއަށް ފައިބައެވެ.

ގިނަ ދިވެހިންގެ ބޮލުގައި ރިއްސުމާއި އެކަންކަމާއި ގުޅިފައިވާ ބަލިތަކަށް ފަރުވާ ހޯދަން ޖެހެނީވެސް މި ސަބަބާއި ހުރެ ކަމަށް އޭޑީކޭއިން ބުނެފައިވާއިރު ސިކުނޑީގެ ބަލިތަކަށާއި އެކި ހަރަކާތްތައް ވަރުގަދަ ކުރުމަށް ކާންޖެހޭ ކާނާތައް އާންމުކޮށް ބޭނުންކުރުމަކީ ބުއްދިވެރި ކަމެއް ކަމުގައި ދެކެންތޯއެވެ؟ މިއީ ސިކުނޑީގެ ބަލިތަކަށާއި އަދި އެހެނިހެން ހަރަކާތްތައް ވަރުގަދަކޮށް ދިނުމަށް އާންމުކޮށް ކެއުމުގައި ބޭނުންކުރެވިދާނެ 6 ބާވަތެކެވެ.

1. ތެޔޮ މަސް

ގިނައިން ތެޔޮ އެކުލެވިގެންވާ ބާވަތްބާވަތުގެ މަހަކީ އޭގައި އޮމެގާ-3 ހިމެނޭ ބާވަތްތަކެއް ކަމުން އޭގެ ސަބަބުން ހަށިގަނޑުގައިވާ ސެލްތަކުގެ ވަށައިގެން ހުންނަ މެމްބްރޭންސް އުފެދުމަށް އެހީތެރިވެދެއެވެ. އަދި ބްރެއިން ސެލް ތަކުގައި ހިމެނޭ ބައެއް ކަމުގައިވާ ނިއުރޯންސް ވަރުގަދަކޮށްދިނުމަށް ވެސް މިބާވަތުގެ ސަބަބުން އެހީތެރިވެދެއެވެ.

2017 ވަނަ އަހަރު ހަދައިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހަށިގަނޑުގައި އޮމެގާ-3 އެކުލެވޭ މިންވަރު ގިނަ ކަމުގައި ވާނަމަ ހަށިގަނޑުގެ ތެރޭގައި ލޭ ދަތުރުވުމަށް އެހީތެރިވެދެއެވެ. އަދި މި ބާވަތުގެ ސަބަބުން ވިސްނުމުގެ ބާރު ގަދަކުރާކަމަށްވެސް އެ ދިރާސާއިން ދައްކައެވެ.

ތެޔޮގިނަ ބާވަތްތަކުގެ މަހުގެ ތެރޭގައި ދިވެހިންގެ އާންމު ކެއުމުގައި ބޭނުންކުރާ ކަޅުބިލަ މަހާއި، ސަލްމޮން ހިމެނެއެވެ.

2. ޑާކް ޗޮކްލެޓް

ޑާކް ޗޮކްލެޓަކީ އަހަރުމެންގެ އާންމު ދިރިއުޅުމުގައި ކާން ބޭނުންކުރާ ޗޮކްލެޓުހާ އަނގަޔަށް މީރު އެއްޗަކަށް ނުވިނަމަވެސް އޭގައި ގިނަ އަދަދަކަށް ކޮކޯ އެކުލެވުމުގެ ސަބަބުން އޭގެއިން އެންޓިއޮކްސިޑެންޓްގެ ބާވަތެއް ކަމުގައިވާ ފްލެވެނޮއިޑްސް ހިމެނެއެވެ. އެންޓިއޮކްސިޑެންޓް އަކީ ސިކުނޑީގެ ބަލިތަކުން ދުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ ބާވަތަކަށްވެފައި އޭގެ ސަބަބުން ދިރިއުޅުމުގެ މާހައުލުގައި ކުރިމަތިވާ ހާސްކަމާއި ނުތަނަވަސްކަން ސިކުނޑީން ފޮހެލުމަށް އެހީތެރިވެދެއެވެ.

3. އެކި ވައްތަރުގެ ބެރީ

ޑާކް ޗޮކްލެެޓެކޭ އެއްފަދައިން ބެރީގައިވެސް އެންޓިއޮކްސިޑެންޓްގެ ބާވަތެއް ކަމުގައިވާ ފްލެވެނޮއިޑްސް ހިމެނެއެވެ. އެހެން ކަމުން ބެރީ އަކީވެސް ސިކުނޑީގެ ބަލިތަކުން ދުރުކުރުމަށާއި އަދި ދިރިއުޅުމުގެ މާހައުލުގައި ކުރިމަތިވާ ހާސްކަމާއި ނުތަނަވަސްކަން ފިލުވައިލުމަށް އެހީތެރވެދޭނެ ބާވަތެކެވެ. މިބާވަތް ގިނަ ބެރީތަކުގެ ތެރޭގައި، ސްޓޯބެރީ، ބްލެކްބެރީ، ބްލޫބެރީ އަދި ބްލެކްކަރަންޓުގެ އިތުރުން މަލްބެރީ ހިމެނެއެވެ.

4. ބަދަނާއި އޮށް

އެކި ބާވަތްބާވަތުގެ ބަދަނާއި އަދި އޮށަކީވެސް ތެޔޮ މަސް ފަދައިން އޮމެގާ-3 އެކުލެވޭ ބާވަތްތަކެވެ.

2014 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައިމި ބާވަތްތަކަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް ކެއުމަށް ބޭނުންކުރެވިދާނެ މުހިންމު ބާވަތެކެވެ. ސަބަބަކީ ބަދަނާއި އޮށް ކާކަމުގައިވާނަމަ ސިކުނޑީގެ ހިނގުން ވަރުގަދަކޮށްދޭތީއެވެ. މި ބާވަތްތަކަކީ އޭގައި ވިޓަމިން އީ ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކެއް ކަމުން އޮކްސިޑެންޓިވް ސްޓްރެސް ގެ ކިބައިން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދެއެވެ.

ވިޓަމިން އީ ގިނައިން އެކުލެވޭ ބަދަނާއި އޮށުގެ ތެރޭގައި ސަންފްލާވާ ސީޑްސް އަދި އަލްމަންޑުގެ އިތުރުން ހަޒަލްނަޓްސް ހިމެނެއެވެ.

5. ގޮވާމުގެ ބާވަތްތައް

ގިނަ ގޮވާމުގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އީ ހިމެނޭ ބާވަތްތަކެކެވެ. އެހެންކަމުން ބާވަތްބާވަތުގެ ބަދަނާއި އޮށް ފަދައިން ގޮވާން ކެއުމުގައި ބޭނުންކުރުމަކީވެސް އޮކްސިޑެންޓިވް ސްޓްރެސް ގެ ކިބައިން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ.

ވިޓަމިން-އީ ގިނަ ގޮވާމުގެ ބާވަތްތަކުގެ ތެރޭގައި އޯޓްސް، ބްރައުން ރައިސް، އަދި ގޮދަންފުށް ހިމެނެއެވެ.

6. އެވަކާޑޯ

އެވަކަޑޯއަކީ ސިއްހަތަށް ފައިދާހުރި އެތަށް ބާވަތެއް ހިމެނޭ މޭވާއެކެވެ. އަދި ކުރިން އާންމު ނޫންނަމަވެސް މި ބާވަތުގެ މޭވާ ރާއްޖޭގައި ބޭނުންކުރާ މިންވަރުވެސް މިހާރު ގިނައެވެ. މި މޭވާއަކީ ހަށިގަނޑުގެ ލޭގެ ޕްރެޝަރ މަތި ފަރާތްތަކަށް ކެއުމަށް ބޭނުންކުރެވިދާނެ މުހިންމު މޭވާއެވެ. އަދި އެވަކާޑޯއަކީ ހަށިގަނޑަށް ބޭނުންވާ ފެޓްސް އެކުލެވޭ މުހިންމު ބާވަތެކެވެ.

ކިޔުންތެރިންގެ ހިޔާލު