ފަސް އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި، ސަލްމާން ޚާންއަށް ކޮށްފައިވާ ޙުކުމް އިސްތިއުނާފް ކުރުމަށް ޖަދްޕޫރު ކޯޓުގައި މިއަދަށް ތާވަލްކުރެވުނު އަޑުއެހުން ފަސްކޮށްފިއެވެ.

އިއްޔެ ސަލްމާނަށް ކޮށްފައިވާ ޙުކުމް އިސްތިއުނާފް ކުރުމަށް އޭނާގެ ދިފާޢީ ވަކީލުން ނިންމީ، އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ނުލިބެނީސް ޖަދްޕޫރު ކޯޓުން ސަލްމާންގެ މައްޗަށް މައްސަލަ ސާބިތުވި ކަމަށް ނިންމައި ޙުކުމް ކުރުމާއި ގުޅިގެންނެވެ.

މިއަދު ހެނދުނު އިންޑިއާ ގަޑިން 10:30 ގައި ޖަދްޕޫރު ކޯޓުގައި އިސްތިއުނާފްގެ އަޑުއެހުން ފަށައިގެން ކުރިއަށްދިޔަނަމަވެސް، ކޯޓުގެ ގާޒީންވަނީ ވަކީލުންގެ ވާހަކަތައް އަޑުއެހުމަށްފަހު، އެ މައްސަލަ ފަސް ކުރުމަށް ނިންމާފައެވެ. އެގޮތުން ގާޒީ ނިންމާފައިވަނީ އެ މައްސަލަ މާދަމައަށް ފަސްކުރުމަށެވެ. އެހެންކަމުން ސަލްމާން މިއަދުގެ އިސްތިއުނާފް އަޑުއެހުމަށްފަހު މިނިވަންވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އިތުރު ރެއެއް ޖަލުގައި ހޭދަކުރަން ވަނީ ޖެހިފައެވެ.

ސަލްމާންގެ ވަކީލުން ބުނީ، މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ސަލްމާނަށް ކޮށްފައިވާ ޙުކުމުގެ ގިނަ ކަންކަން ފާހަގަކޮށްފައިވާނެ ކަމަށާއި، އެގޮތުން އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ހަޤީޤަތާއިމެދު ސުވާލު އުފެދޭކަންކަން ހުރުމުން އެކަންވެސް ކޯޓުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ގާޒީ ވަނީ އެ ވާހަކަތައް އަޑުއެހުމަށްފަހު ވަކި އެއްވެސް ހާމަކުރުމެއް ނެތި އަޑުއެހުން ފަސްކޮށްފައި ކަމަށް ވަކީލުން ވަނީ ބުނެފައެވެ.

ސަލްމާން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ހިމާޔަތް ކޮށްފައިވާ ފުއްލާއެއް މަރާލި މައްސަލައާ ގުޅިގެންނެވެ. މިކަން ހިނގާފައިވަނީ 1998 ވަނަ އަހަރު ފިލްމެއްގެ ޝޫޓިން އަށް އިންޑިއާގެ ރާޖަސްތާނުގައި ސަލްމާން ހުރިއިރުއެވެ. މި މައްސަލާގައި ސަލްމާންގެ މައްޗަށް މީގެ ކުރިން އެހެން ދައުވާއެއްވެސް ކޮށްފައިވެ އެވެ. އެ ފަހަރު އޭނާގެ މައްޗަށް ކޮށްފައި ވަނީ ފުއްލާ މަރާލުމަށް މަނާ ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރި ދައުވާ އެވެ. ނަމަވެސް ސާބިތު ހިފޭވަރަށް ހެކި ހުށަހަޅާފައި ނުވާތީ ސަލްމާންގެ މައްޗަށް އެ ދައުވާ ސާބިތުވެފައެއް ނުވެއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ޖޮދްޕޫރު ކޯޓުން ވަނީ 10،000 ރުޕީސް އިން ސަލްމާން ޖޫރިމަނާ ކުރަން ވެސް ނިންމާފައެވެ. މި ޙުކުމް މިގޮތަށް އިއްޔެ ކުރި ނަމަވެސް ސަލްމާން އަންނަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

ސަލްމާންގެ ވަކީލުން ބުނެފައިވަނީ، އޭނާ ރޭ އެ ޖަލުގައި ބާއްވާފައި އޮތީ ކުނަލެއްގެ މަތީގައި ކަމަށެވެ. އަދި އޭނާގެ ގޮޅި އާއި ޖެހިގެން އިން ގޮޅީގައި އޮތީ، ރޭޕްގެ މައްސަލައެއްގައި ޙުކުމް ތަންފީޒުކުރަމުންދާ ކަލަކު ކަމުގައި ދަޢުވާކުރި އަސަރަމް ބާޕޫ ކަމަށްއެފަރާތްތަކުން ބުނެފައިވެއެވެ. ވަކީލުން ބުނިގޮތުގައި، މި ދެގޮޅި ވަކިކޮށްފައި ވަނީ ދެ ގޮޅީގެ ދެމެދުގައި ދަމާފައިވާ ފޮތިގަނޑަކުންނެވެ.

އިއްޔެ ސަލްމާނަށް ކުރި ޙުކުމާއި ގުޅިގެން އިންޑިއާގެ މަޝްހޫރު ތަރިން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، ޖަދްޕޫރުގައި ދިރިއުޅޭ ދީނީ ވަކި ޤަބޫލުކުރުންތަކެއް އޮންނަ ބިޝްނޯއީ ދަރިފަސްކޮޅުގެ މީހުން ދަނީ އުފާ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަދްޕޫރެއްނޫނެވެ. ޖޯދްހޕޫރެވެ. जेधपुर ދިވެހިން ތަންކޮޅެއްކުރިން ލިޔާލިޔުންތަކުގައި ބޭރުބަސްތައް ލިޔަމުން އައީ ރަނގަޅަށެވެ. މިހާރު އަރަބި ނަންތައްވެސް ލިޔަނީ ނުބައި ކޮށެވެ. އެހެންވަނީ އިނގިރޭސި ބަހުން އެބަސް ރަނގަޅުގޮތުގައި ނުލިޔެވުމުން އިނގިރޭސިން ލިޔެފަ ހުންނަގޮތައް ލިޔެކިޔެއުޅޭތީއެވެ. މިފަހުން ޚަބަރުތައް ގިނަވެފައިވާ ޣޫޠާ އަށްވެސް ގޫތާ އެބަލިޔެއެވެ. ހިތާމަހުރިކަމެކެވެ. މިދެވެނީ ކުރިއަކަށް ނޫނެވެ. ފަހަތަށެވެ.

  2. ޙަހަހާ އެއްކަލަ އިންޑިޔާ. ޢަދިވެސް އުޅޭތި އެހެން މީހުންގެ ގައިގަ ހުންނަ ގުއި ފިލުވަން އަމިއްލަ ގައިގަ ފުރެންދެން ގުއި އޮންނަ އިރުވެސް. މިޤައުމުގެ ސްޕްރީމް ކޯޓް އަމުރު ތަންފީޒު ކުރުމަށް ގަވަގޮވާ ތިއްނާ ތިއޮތީ އަތަށް ގޮވާފަ ދެން ލަލަލާ