އިންޑިއާގެ ރާޖަސްތާނުގައި ފުލުހުން 13 ކުށްވެރިއަކު ޖަންގިޔާގައި މަގުމަތީގައި ހިންގުވައިފިއެވެ. ފުލުހުން މިކަން ކޮށްފައިވަނީ ހަރްޔާނާގެ ނުރައްކާތެރި ގޭންގު ލީޑަރަކު ފިލުވުމުގައި އެމީހުން އެހީތެރިވެދިން މައްސަލައިގައެވެ.

ފުލުހުން ބުނާ ގޮތުން އެ 13 ކުށްވެރިން ޖަންގިޔާ ގައި މަގުމައްޗަށް ނެރެފައިވަނީ އެމީހުން ނުރައްކާތެރި ކުށްވެރިޔާ ފިލުވިއިރު އެ ކަންތައް ހިނގި ގޮތަށް އެމީހުން ލައްވާ އެ މަންޒަރު އަލުން ސިފަ ކުރުމުގެ ބޭނުމުގައެވެ. އެ ގޮތުން އާދީއްތަ ދުވަހު ޖައިޕޫރުގެ ބައިބޯ މާރުކޭޓު ސަރަހައްދެއްގައި ކުށްވެރިން ވަނީ ބިޑި އަޅުވައި، ކުރު ޖަންގިޔާ ކޮޅުގައި، ހުސް ފައިގައި ހިންގުވާފައެވެ.

ސެޕްޓެމްބަރު 6 ވަނަ ދުވަހު ޖަލުން ފިލި ހަރްޔާނާ ގެ ގޭންގްސްޓާރެއް ކަމަށްވާ، ވިކްރަމް ސިންހު ބިހްރޯރް ޕޮލިސް ސްޓޭޝަނުން ފިލި މައްސަލައިގައި ފުލުހުންނަށް އަމާޒުވަމުންދާ ފާޑުކިޔުންތައް ބައިވަރެވެ. 13 މީހަކު ޖަންގިޔާގައި ހިންގުވި އިރު، އެމީހުން ގާޑު ކޮށްގެންވެސް އެތައް ސަތޭކަ ފުލުހުންނެއް ތިއްބެވެ. މާރުކޭޓު ސަރަހައްދުގައި ވާނުވާ ނޭނގި އެތައް ބަޔަކު އެ މަންޒަރުތައް ވީޑިއޯ ކުރަމުން ގެންދިޔައިރު ގިނަ ބަޔަކަށް އެކަންވީ ބޮޑު ޖޯކަކަށެވެ.

"އަހަރެމެން އެ ކުށްވެރިން ހިންގުވީ ތަހުގީގަށް، ކަންތައް ހިނގި ގޮތުގެ މަންޒަރު ސިފަ ކުރުމުގެ ގޮތުން. އެއީ ކޮންމެ ތަހުގީގަކަށްވެސް އަމަލު ކުރަމުންދާ އުސޫލުގެ ދަށުން. އާއްމު ރައްޔިތުންނަށް އެެއްވެސް ކަހަލަ މެސެޖެއް ދިނުމުގެ މަގްސަދުގައި ކުރި ކަމެއް ނޫން އެއީ." ސުޕްރިޓެންޑެންޓް އޮފް ޕޮލިސް، އަމަންދީޕް ސިންގު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުންޏެވެ.

150 އަށްވުރެ ގިނަ ފުލުހުން ހިމެނޭ ޓީމަކުން 13 ކުށްވެރިން ގާޑު ކުރަން އިއްޔެ ތިބިއިރު، އޭގެ ތެރޭގައި އެމީހުންގެ ސްޕެޝަލް ފޯސް ފުލުހުންގެ ހާއްސަ ޓީމަކުންވެސް ފޯރިމަރަން ތިއްބެވެ. ފުލުހުން އެ ކުށްވެރިން 2 ކިލޯ މީޓަރަށް ހިންގުވިއެވެ. ވިކްރަމްގެ ފިލުވުމުގައި އޭނާ ހުރި ހިސާބާއި ބެހޭ މައުލޫމާތު ލީކުވުން ބޮޑު ދައުރެއް ކުޅެެއެވެ. އެގޮތުން ވިކްރަމް ޗެކްޕޮއިންޓަކުން ހައްޔަރު ކުރިތާ މަދު ގަޑިއިރެއްގެ ތެރޭގައި ބިހްރޯރު ޕޮލިސް ސްޓޭޝަނަށް އޭނާގެ ގޭންގަށް ނިސްބަތްވާ ބަޔަކު ވަނީ އޭކޭ 47 ބަޑިތަކާއި އެހެނިހެން ހަތިޔާރާއެކު ވަދެ، ޝޮކެއްގައި ތިބި ފުލުހުންތައް ފޫ އަޅުވާލުމަށްފަހު ވިކްރަމް ގޮވައިގެން ފިލައިފައެވެ.

ސެޕްޓެމްބަރު 6 ގައި ވިކްރަމް ފިލުމާއި ގުޅިގެން ބިހްރޯރް ފުލުހުންނަށް އާއްމުން ޖެއްސުންކުރުން ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން ޓްރެފިކް މައްސަލައެއްގައި އާއްމުންގެ މީހަކު ހުއްޓުވިއަސް، "ވިކްރަމް ހޯދަން އުޅުނިއްޔާ މާ ރަނގަޅުވާނެ، އަހަރެމެން ފަހާ ނުދުވިއަސް" މިކަހަލަ މޭރުމަކުން އެމީހުންނަށް ރައްދު ދިނުން އިތުރުވެފައިވާ ކަމަށް ފުލުހަކު ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކކކކ

    ރޭޕިސްޓުން ތިގޮތަށް ހިންގުވަބަލަ

  2. ދޮބާސީ

    ތިޔައީ އިންޑިޔާގައި ހައިރާންވާންޖެހޭ ކަމެއްނޫން.. އިންޑިޔާގެ ބައެއް ޝަހަރު ތަކުގެ ފައްޅި ތަކުގައި އެތިބެނީ ރޯއޮރިޔާމުންތިބޭ ފާދިރީން. އެމީހުންގެ ދީނީ އެއްވުންތަކުގައި އެތައް ބަޔަކު ރޮ އޮރިޔާމުން ތިބެ މަގުތަކުގައި އެހިނގަނީ. ޔުޓިބްގައި ހުންނާނެ އޭގެ ވީޑިޔޯތައް.