ފިލް ކުންފުނި ކްރިއާޖްް އެންޓަޓައިންމެންޓާ ގުޅިގެން ފިލްމުތައް ގެނެސްދޭންހެދި ބައެއް އެއްބަސްވުންތަކާ ހިލާފުވެ ފައިސާގެ މުއާމަލާތްތަކުގައި މަކަރާއި ހެދުމުގެ ކުށް ސާބިތުވެ ޖަލުހުކުމެއްގައި ހުރި ޕްރޮޑިއުސަރު ޕްރޭނާ އަރޯރާ 8 މަސްފަހުން ކަފާލާތުގެދަށުން މިނިވަންވެއްޖެއެވެ.

ފިލްމު “ރުސްތުމް” އާއި “ޕެޑްމޭން” އަދި “ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ” ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޕްރޭނާގެ މައްޗަށް ފައިސާގެ މައްސަލަތަކެއްގައި ޖަލު ހުކުމެއް އިއްވީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީއާ އަށް 30 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ގެއްލުމެއް ދިނުމާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ޕްރޭނާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޕްރޭނާގެ މައްޗަށް އިއްވި ހުކުމާ އެކު، ކްރިއާޖްގެ މަސައްކަތްތައް ވެސް ވަނީ ހުއްޓުމަށް އައިސްފައެވެ. އެގޮތުން އެ ކުންފުނިން އިއުލާންކޮށްފައި ހުރި ޕްރޮޖެކްޓްތަކުގެ އެއްވެސް މަސައްކަތެއް ފަހުން ކުރިއަކަށް ނުދެއެވެ. އޭގެ ތެރޭގައި ކުރީގެ ދެ ފިލްމެއް ކަމަށްވާ “ވޯ ކޯން ތީ” އާއި “ރާތު އޯރް ދިން” ގެ ރިމޭކްތައް ހިމެނެއެވެ.

ޖަލުން މިނިވަންވުމަށް ފަހު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕްރޭނާ ބުނީ ފާއިތުވި ތަނުގައި އޭނާއަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިއްޖެ ކަމަށެވެ. އެހެންވެ ދެން ކުރިއަށް ދާނީ ކުރިން ހެދުނު ގޯސްތަކުން އިބުރަތް ހޯދައިގެން ކަމަށާއި އޭނާގެ ސަބަބުން ގެއްލުންވި އެންމެންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުންޏެވެ.

ޕްރޭނާ ބުނީ ވަރަށް އަވަހަށް އަނެއްކާވެސް ފިލްމީ މަސައްކަތްތައް ފަށައި، އާ ޕްރޮޖެކްޓަތެއް އިއުލާންކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު