ޗައިނާގެ ސްޓޭޓެއް ކަމުގައިވާ ޓައިވާނުގައި އަޅާފައިވާ ބްރިޖެއް ދަށުން ދަތުރުކުރަމުން ދިޔަ މަސްބޯޓެއްގެ މައްޗަށް އެ ބްރިޖު ވެއްޓި، އެތައް ބަޔަކަށް އަނިޔާ ވެއްޖެއެވެ.

ޓައިވާނުގެ އިރުމަތީގައި އޮންނަ އަވަށެއްގައި މި ހާދިސާ ހިނގާފައި ވާއިރު، މިކަން ހިނގުމުގެ ގަޑިއިރުތަކެއް ކުރިން އެ ސަރަހައްދަށް ބާރުގަދަ ތޫފާނެއް އަރާފައިވާ ކަމުން މިއީ އެ ތޫފާނުގެ ސަބަބުން ބްރިޖުގެ ބާރު ދެރަވެގެން ވީ ކަމެއް ކަމަށް ބެލެވެއެވެ. އެ ސްޓޭޓުގެ ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި ބްރިޖުގެ ތަނބެއް އިނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ނަމަވެސް މިއީ ސީދާ ތޫފާނުގެ ސަބަބުން ވީ ކަމެއްކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ 21 އަހަރު ކުރިން އަޅާފައިވާ 460 ފޫޓު ދިގު މި ބްރިޖު ވެއްޓުނު ވަގުތު ބްރިޖު މަތީގައި އޮތް ތެޔޮ ބައުޒަރެއްވެސް ވަނީ ގޮވާފައެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި މަސް ބޯޓުގެ އިތުރުން ކުޑަ ޑިންގީތަކުގައި ބަސް ބާނަން ނިކުމެ އުޅުނު ދެ މީހަކުވެސް ވަނީ ބްރިޖު ދަށުވެފައެވެ.

މިކަމާއި ގުޅިގެން 10 މީހަކަށް އަނިޔާ ވެފައި ވާއިރު، 6 މީހަކަށް އަންނަނީ އެމެޖެންސީގައި ފަރުވާ ދެމުންނެވެ. މީގެ ތެރޭގައި އެ ސަރަހައްދަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއްވެސް ހިމެނެއެވެ. މީގެ އިތުރުން، 6 މީހަކު ބޯޓު ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވިފައި ވާކަމުން ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އެ ސަރަހައްދު ރަނގަޅަށް ބަލައި ފާސް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ޓައިވާންގެ އަމިއްލަ ސަރުކާރަކާއި އެކު ރައީސް އެއް ހުންނަ ނަމަވެސް، ރަސްމީ ގޮތުން އެއީ ޗައިނާގެ ބައެކެވެ. ޓައިވާން ގައުމެއްގެ ގޮތުގައި ބަލައިގަންނަނީ ވަރަށް މަދު ގައުމުތަކަކުންނެވެ.